ޚަބަރު

އާތިޔާ އާއި ކޭއެލްގެ ކައިވެނި ސުނިލްގެ ފާމް ހައުސްގައި


ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރަމުންދާ ކައިވެންޏެއް ކަމަށްވާ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި ކޭއެލް ރާހުލްގެ ކައިވެނި މި މަހުގެ 23 ވަނަ ދުވަހު ސުނިލްގެ ފާމް ހައުސްގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ފާމް ހައުސް އަކީ ކަންޑަލާގައި ހުންނަ ސުނިލެގެ 17 އަހަރު ވީ ފާމް ހައުސް، ޖަހާން އެވެ. އާތިޔާ ބޭނުން ވަނީ ކައިވެނީގެ ހަފްލާ އަށް ވަރަށް ގާތް މީހުންނަށް ދައުވަތު ދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ކައިވެނީގެ ވާހަކަ ދެކެވޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އުމުރުން 30 އަހަރުގެ އާތިޔާ އާއި 30 އަހަރުގެ ރާހުލް ރައްޓެހިވީ 2019 ގެ ތެރޭގައެވެ. 2020 އާއި ހަމައަށް އެ ގުޅުން ވަރަށް ސިއްރުކޮށްގެން އުޅުނު ނަމަވެސް އޭގެ ފަހުން، އެ ގުޅުން ވަރަށް ބޮޑަށް އިންސްޓަގްރާމްގައި އާންމުކޮށްފައިވެއެވެ.

މީޑިއާތަކުން ބުނީ އާތިޔާ އާއި ރާހުލްގެ ކައިވެނީގެ ރަސްމީ ހަފުލާ މި މަހުގެ 23 ގައި ބާއްވާއިރު، އެ ކައިވެންޏާ ގުޅުން ހުރި ކަންކަން މިމަހުގެ 21 ގައި ފަށާނެ ކަމަށެވެ. އަދި ކައިވެނި ކުރާނީ ކަންޑާލާގައި ހުންނަ ސުނިލްގެ އަގުބޮޑު ގޭގައި ކަމަށް މީޑިއާތަކުން އިން ބުންޏެވެ.

މި ކައިވެނީގެ ހަފުލާ އަށް ދެ ފަރާތުގެ އާއިލާ އިން ވަރަށް ފޯރީގައި މިހާރު ތައްޔާރީތައްވަމުން އަންނައިރު، މިފެށޭ ހަފްތާގެ ތެރޭގައި މި ހަފްލާގެ ދައުވަތު ފޮނުވަން ފަށާނެއެވެ.

އާތިޔާ އަކީ 2015 ގެ "ހީރޯ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ފުރުޞަތުތައް ނުލިބި މިހާރު ގެއްލިފައިވާ ބަތަލާއެކެވެ. އޭނަ ކުޅުނީ އެންމެ ތިން ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން 2016 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.

އާތިޔާގެ ކޮއްކޮ އަހާން ޝެޓީ، 26، ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ "ތަޅަޕް" އިންނެވެ.