ކުޅިވަރު

އަތޮޅުތެރޭގައި ޓެނިސް ތައާރަފުކުރުމުގެ ޕްރޮގްރާމް ނައިފަރުން ފަށައިފި


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދަން ނިންމާފައިވާ އަތޮޅު ތެރޭގައި ޓެނިސް ތައާރަފުކުރުމުގެ މަޝްރޫއު ޅ.ނައިފަރުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން ޓެނިސް އެސޯސިއޭޝަންގެ ވަފްދެއް ޅ.ނައިފަރަށް ވަނީ ހުކުރު ދުވަހު ޒިޔާރަތް ކޮށްފައެވެ. މިޒިޔާރަތުގައި ނައިފަރު ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އާންމު ރައްޔިތުންނާއި މިކަމާ ބެހޭ މަޢުލޫމާތު ދީފައެވެ. އަދި ޓްރެއިނިންގަށް ކުދިން ހޮވުމުގެ ގޮތުން 2 ދުވަހުގެ ހާއްސަ ޓެނިސް ކޭމްޕެއް ބޭއްވި ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މި ކޭމްޕުގައި ބައިވެރިވި އެކި އުމުރުފުރާގެ ކުދިންގެ ތެރެއިން 300 ކުދިންނާއެކު ފަރިތަކުރުންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމްގައި ކޯޗް ކޮށްދިނުމަށް އެސޯސިއޭޝަންގެ ޓެނިސް ކޯޗެއް ރަށުގައި ޤާއިމުވެ ހުންނާނެ ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނައިފަރު ރައްޔިތުން ހާއްސަކޮށް ނައިފަރު ކައުންސިލްގެ ފަރާތުން ދެއްވާ އެހީތެރިކަން ޓެނިސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. .

ސަރުކާރުގެ ކުޅިވަރު ސިޔާސަތާއެއްގޮތަށް މިމަޝްރޫއުގެ ދަށުން ޅ.ނައިފަރުގައި ޓެނިސް ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. ޓެނިސް ކޯޓް ތަރައްޤީ ކުރެވުމާއެކު ނައިފަރުގެ ރައްޔިތުންގެ އިތުރުން ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމުގެ އިތުރު ފުރުޞަތުތައް ފަހިވެގެން ދާނެއެވެ. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަމާޒަކީ އަތޮޅުތެރޭގެ އިތުރު ރަށްރަށުގައި ޓެނިސް ތައާރަފުކޮށް ވީހާވެސް ގިނަ ބަޔަކަށް މި ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މިއީ ފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުން ބޭރުގައި ޓެނިސް ކުޅެން ދަސްކޮށްދިނުމުގެ ޙަރަކާތް ހިންގާ ފުރަތަމަ ފަހަރެވެ. މިކަމުގެ މަޤްޞަދަކީ މާލެ ސަރަޙައްދުން ބޭރުން އަތޮޅުތަކަށް ޓެނިސް ތަޢާރަފުކޮށް މިކުޅިވަރު ކުޅޭ ކުޑަކުދިންނާއި ޒުވާނުން އިތުރުކުރުމެވެ.