ޚަބަރު

ޖޭޕީގެ ޤައުމީ ޖަލްސާ މާރިޗު މަސް ނިމުމުގެ ކުރިން ބާއްވަނީ


ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީީ (ޖޭޕީ) ގެ ޤައުމީ ޖަލްސާ މާރިޗުމަސް ނިމުމުގެ ކުރިން ބާއްވަން މަސައްކަތް ކުރާކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވައިދު ބުނާގޮތުން ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ޤައުމީ މަޖިލިސް ރިޔާސީ އިންތިޚާބު އޮންނަ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރިން ބާއްވަންޖެހެއެވެ. އެހެންނަމަވެސް ޕާޓީގެ ކައުންސިލުން ނިންމައިފި ނަމަ ޤައުމީ ޖަލްސާ އެއަށްވުރެ އަވަސްކުރަން ނުވަތަ ފަސްކުރުމަކަށްވެސް ޖޭޕީގެ އަސާސީ ޤަވައިދު ހުރަހެއް ނާޅައެވެ.

ޖޭޕީގެ ސެކެރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ ޤައުމީ މަޖިލިހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަރަށް އަވަހަށް އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެކަމަށެވެ. އަދި ޤައުމީ ޖަލްސާއަށް ވާންޖެހޭ ހުރިހާ އިދާރީ ތައްޔާރީތަކެއް ނިމިފައިވާކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން ތިންވަނަ އަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދީ 17913އެވެ.