ޚަބަރު

އެމްޑީޕީން މީހުން ވަކިކުރި، ލީޑަރުންވެސް ވަކިވި އަލުން ގުޅުނީ


ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިކުރާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި އިސްލާހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވުމުން އަމަލުކުރަން ފެށީ 23 އޮގަސްޓް 2016 ގައެވެ. މި އިސްލާހު ހުށައެޅީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ އެވެ.

އިސްލާހު ފާސްވުމާއި އެކު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއެވެ. ސަބަބަކަށްވީ ފުރަތަމަ އުފަންވި ސިޔާސީ ޕާޓީއަށްވެފައި އިނގިލީގެ ނިޝާން ނުޖަހާ އެ ޕާޓީއަށް ވަދެތިބި މެމްބަރުން ގިނަކަމުންނެވެ. އަދި އިނގިލީގެ ނިޝާން ހޯދުމަށް އެކަށީގެންވާ މުއްދަތެއްވެސް ނުދިނުމުންނެވެ. ފިންގަރ ޕްރިންޓް ހަމަކޮށް ފޯމު ހުށައަޅަން ކޮމިޝަނުން ދިނީ ދޮޅު މަސްދުވަހެވެ. އޭރު މައްސަލަ ކޯޓާއި ހަމައަށްވެސް ދިޔައެވެ. ނިމުނީ ގާނޫނަށް ގެނައި ބަދަލާއި އެކު ކުރިޔަށް ދާށެވެ.

ގިނަ ބަޔަކު ވަކިވި، އިސްސަފުގައި ހިމެނުނު މެމްބަރުންވެސް

އިލެކްޝަންސް ކޮމިޝަނުން ގެނައި އެ ބަދަލާއި އެކު ޕީޕީއެމުން ފިޔަވާ ދެން އޮތް ހުރިހާ ޕާޓީއެއްގެ ދަފްތަރުން ބޮޑުތަނުން މެމްބަރުން އުނިވިއެވެ. ޕީޕީއެމަށްވީ މުޅިން އެހެން ގޮތެކެވެ. އޭގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ މީހުން ގިނަ ޕާޓީއަށް ވުމެވެ.

އޭރު މެމްބަރުން އެންމެ ގިނަ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ދަފްތަރުން ދެބައި ކުޅަ އެއްބައި އުނިވެ ވަކިކުރި މީހުންގެ އަދަދު 21 ހާހުން މައްޗަށް އެރިއެވެ. އެންމެ ގިނަ އަދަކަށް އުނިވީވެސް އެމްޑީޕީންނެވެ. ފިންގަރ ޕްރިންޓް ނެތިގެން ވަކިކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރި ވަރަށް ގިނަ ބަޔަކުވެސް ހިމެނުނެވެ. އޭގެތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ، އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުން ލައިލާގެ އިތުރުން ބައެއް އާއިލީ ބޭފުޅުންވެސް ހިމެނެއެވެ. އަދި މިހާރުގެ މަޖިލިސްގެ ނައިބު ރައީސް އިވާގެ ނަންވެސް އެ ލިސްޓުގައި އޮތެވެ.

އޭރު މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަން ޕާޓީން އުނިވެ އެ މައްސަލަ މަޖިލީހާއި ހަމައަށްވެސް ދިޔައެވެ. މި ދެބޭފުޅުންގެ ފޯމު ހުށައެޅުމުން އިލެކްޝަނުން ޕްރޮސެސް ނުކުރާކަމަށް އެމްޑީޕީން ބުނަމުންދިޔައިރު އިލެކްޝަނުން ބުނީ ދިން މުއްދަތުގައި ފޯމު ހުށަނަޅާކަމަށެވެ. އެހެންނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މި ދެބޭފުޅުން ވަނީ ޕާޓީއާ އަލުން ގުޅިވަޑައިގެންފައެވެ.

ޕާޓީތަކުން އޭރު ވަކިކުރި އަދަދު
- ޑީއާރުޕީ 10016 މީހުން
- އެމްޑީޕީ 21013
- ޖުމްހޫރީ ޕާޓީ 2621
- އަދާލަތު ޕާޓީ 2425
- ޖުމްލަ 36075

ނަޝީދު އަލުން ގުޅިވަޑައިގަތީ މަޖިލިސް އިންތިޚާބަށް

އިލެކްޝަންސް ކޮމިޝަންގެ ރެކޯޑްތަކުން ދައްކާގޮތުގައި އިނގިލީގެ ނިޝާން މައްސަލާގައި ޕާޓިން ވަކިކުރި އެމްޑީޕީން މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވެއެވެ. އޭރު ވަކިވިގޮތަށް މަޑުކުރައްވައިގެން ހުންނެވުމަށްފަހު އަލުން އެމްޑީޕީގެ މެމްބަރަކަށް ވެވަޑައިގެންނެވީ 2019 ވަނައަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އޭރު ވަކިވި ބައެއް މެމްބަރުން އަދިވެސް ޕާޓީއާއި ގުޅިވަޑައިނުގަންނަވާކަމަށާއި އޭގެތެރޭގައި ވޯޓާ ދިމާކޮށް ވަކިކުރިކަމަށްް ބުނާ ނަންތައްވެސް ހިމެނޭކަން އެ އޮފިޝަލް ވިދާޅުވިއެވެ. ޕާޓީގެ ދަފްތަރުން މީހުން ވަކިކުރިކަމަށް މިހާރު ދެކެވޭ ވާހަކަތަކުގެ ފެށުމަކީ އެއީއެވެ.

ޕްރައިމެރީ އާއި މީހުން އުނިކުރި ވާހަކަތައް

މިހާރު ހިނގަމުން އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިން މިވަނީ ވަރަށް ފޯރިގަދަވެފައެވެ. ބަހުގެ ހަމަލާތަކުގެ އިތުރުން ބައެއް ތުހުމަތުތަކެވެ. އޭގެތެރޭގައި ވޯޓް ލިބުނަ ނުދޭން މީހުން ވަކިކުރިކަމުގެ ތުހުމަތުތައްވެސް ހިމެނެއެވެ.

ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންވުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން އާއިލީ ބޭފުޅުންނާއި ގާތް ރަހުމަތްތެރިން ޕާޓީން ވަކިކޮށްފައިވާކަމަށެވެ، ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ޕާޓީން ވަކިކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓް ނުދޭނެ މީހުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޕާޓިން ވަކިކުރި މީހުންގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ހިމެނުނުކަމަށެވެ.

ފިންގަރ ޕްރިންޓް ނެތިގެން ޕާޓީގެ ދަފްތަރުން އެތައް ބަޔަކު އުނިވި ނަމަވެސް ޕާޓީގެ އޭރުގެ ލީޑަރޝިޕުން އަލުން އެމީހުން ވައްދަން މަސައްކަތް ނުކުރާކަމަށްވެސް އެއްބަޔަކު ބުނެއެވެ. އަދި އެގޮތަށް ބާއްވައިގެން އެތެރޭގެ ބައެއް އިންތިހާބުގައި ޕާޓީގެ އެދަފްތަރު ވޯޓްލާން ބޭނުންްކުރިއެވެ.

އޭގެފަހުން ޕާޓީގެ ލީޑަރ ޝިޕް ބަދަލުވުމުން އިލެކްޝަންސް ދަފްތަރާއި ޕާޓީގެ ދަފްތަރު މިވަނީ ދިމާކޮށްފައެވެ. އަދި މިބަދަލު ގެނެސް ކުރިން ޕާޓިގައި އޮތް މިހާރު ނެތް މީހުން ވަންނަންވެސް ފުރުސަތު ދިނެވެ.

އެހެން ޕާޓީތަކުންވެސް މަދުވި، ވާދަވެރިކަމެއް ނެތީމަ ނޭގެނީ ކަންނޭގެ

އިނގިލީގެ ނިޝާނާއި ގުޅިގެން އުވާލި ފޯމުތަކުގެ ސަބަބުން މެމްބަރުން މަދުވީ ހަމައެކަނި އެމްޑީޕީން އެކަންޏެއް ނޫނެނެވެ. ޑީއާރުޕީންވެސް 10 ހާހަށްވުރެ ގިނަ މީހުން މަދުވިއެވެ. އަދި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓިންވެސް ކޮންމެ ޕާޓީއަކުން 2 ހާހަށްވުރެ ގިނަ މީހުން މަދުވިއެވެ. އެޕާޓީތަކުގެ ތެރޭގައި ވާދަވެރި އިންތިހާބެއް ނެތުމުން މިކަން ފާހަގަނުވަނީ ކަންނޭގެއެވެ.

އިލެކްޝަންސް ކޮމިޝަނާއި ޤާނޫނީ ބޭފުޅުންވެސް ވިދާޅުވާ އެއް ވާހަކައެއް އެބައޮތެވެ. އެއީ މިހާރު ޤާނޫނު އޮތް ގޮތުން އިނގިލީގެ ނިޝާން ނެތި ޕާޓީގެ މެމްބަރަކަށް ނުވެވޭނެކަމެވެ. އަދި ކުރިން އުޅުނު މެމްބަރެއް ނަމަވެސް އަލުން ވަދެވޭނީ އެކަން ފުރިހަމަކޮށްގެންނެވެ.