ކުޅިވަރު

7.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކްރިކެޓް ބޯޑުން ފާސްކޮށްފި


ކްރިކެޓް ބޯޑުން މިއަހަރަށް ލަފާކުރާ ބަޖެޓުގެ
ގޮތުގައި 7.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.



ކްރިކެޓް ބޯޑުގެ ބަޖެޓް ފާސްކުރީ މިއަދު ހޮޓެލް
ޖެންގައި އޮތް އެ ބޯޑުގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ބަޖެޓުގައި އެންމެ ބޮޑު ޙަރަދެއް ހިނގާނެކަމަށް
އަންދާޒާކޮށްފައިވަނީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ. އެގޮތުން ކުޅިވަރު ކުޅޭނެ ތަންތަން
ޤާއިމްކުރުމަށާ ބޭނުންވާ ތަކެތި ހޯދުމަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ޙަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.



މިއަހަރު ފަށާ ފުރަތަމަ މޯލްޑިވްސް ޕްރިމިއަރ ލީގް
ޓީ ޓުވެންޓި ކްރިކެޓް މުބާރާތަށް ހިނގާނެ ޙަރަދުތައްވެސް ވަނީ ބަޖެޓްކޮށްފައެވެ.
އެގޮތުން އެ މުބާރާތަށް 350،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޚަރަދުވާނެކަމަށް ކްރިކެޓް ބޯޑުން ލަފާ ކުރެއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި
ބާއްވާ އިތުރު މުބާރާތްތަކާއެކު، ޖުމްލަ 900،000 ރުފިޔާ ޙަރަދުވާނެކަމަށް އެ
ބޯޑުން އަންދާޒާ ކުރެއެވެ.



ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ފަންނީ މީހުން ބިނާ
ކުރުމާއި ޔޫތް ޑިވެލޮޕްމެންޓަށްވެސް މިލިއަނަކާއި ގާތަށް ޙަރަދުވާނެކަމަށް ބަޖެޓްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއިން ބޭރުގެ ތިން
މުބާރާތެއްގައި ކްރިކެޓުން ވާދަކުރުމަށްވެސް ހަމަޖެހިފައިވެއެވެ.