ޔަހޫދީންގެ ދަޢުލަތް އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އައު ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތަކެއް ހާސް ރައްޔިތުންނެއް މުޒާހަރާކުރަމުން އެބަދެއެވެ. ޓެލް އަވީވުގައި ކުރިއަށްދާ މުޒާހަރާގައި 80,000 އަށްވުރެ ގިނަ މީހުން ބައިވެރިވަމުންދާ ކަމުގައި އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.
ނަތަންޔާހޫގެ އައު ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނަށް ބިރުދެއްކުމާއި، ފުރައްސާރަ ކުރުމާއި، އެ މީހުން އަޅުވެތިކުރުމުގެ އަމަލުތައް ވަނީ އިތުރުކޮށްފައެވެ. ފަލަސްޠީނު މުސްލިމުން ބިކަކުރުމުގެ މަސައްކަތް މެކުހަށް ޖަހާފައެވެ.
ނަތަންޔާހޫގެ ސަރުކާރަކީ އިސްރާޢީލުގެ ތާރީޚުގައި ވެސް މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި އަދި އެންމެ ޖައްބާރު ސަރުކާރެވެ. އެއީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ކަނާތު ފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ މީހުންގެ މިނިވަންކަން ހަނިކޮށް، ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަން އަތުކުރި އޮޅައިލައިގެން އޮތް ސަރުކާރެކެވެ. ފަލަސްޠީނު ރައްޔިތުންގެ އަނބިދަރިން ނިކަމެތި ކުރަން ކެތްމަދުވެފައި އޮތް ސަރުކާރެކެވެ.
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އޭނާގެ ޤައުމުގެ ރައްޔިތުން ތެދުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ނަތަންޔާހޫގެ ސަރުކާރަކީ ޑިމޮކުރަސީއަށް އޮތް ބިރެއް ކަމުގައެވެ. އަދި، އޭނާގެ ސަރުކާރަކީ ލަދުހަޔާތް ކުޑަ ސަރުކާރެއް ކަމަށާއި، ނަތަންޔާހޫއަކީ ޚުދުމުހުތާރު ވެރިއެއްގެ ގޮތުގައި ވެސް މުޒާހަރާގެ ބައިވެރިން ދަނީ ސިފަކުރަމުންނެވެ.
މިއީ، 2022 ޑިސެންބަރު މަހުގެ ފަހުކޮޅު ނަތަންޔާހޫ ވެރިކަމާ ހަވާލުވި ފަހުން އޭނާއާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ އެންމެ ބޮޑު މުޒާހަރާއެވެ. ކުރިން އެ ޤައުމުގެ ފުލުހުން ވަނީ މުޒާހަރާގައި 20,000 އެއްހާ މީހުން ބައިވެރިވަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް، އެ އަދަދު އިތުރުވާން ފެށުމުން، މުޒާހަރާގެ ބައިވެރިންގެ އަދަދުތައް ހާމަކުރުން ފުލުހުން ވަނީ ހުއްޓައިލާފައެވެ.
ޓެލް އަވީވުގެ އިތުރުން ޤުދުޞްގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅާއި ރައީސްގެ ގެކޮޅު ކައިރީއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެފައެވެ. އަދި، އިރުމަތީ ރަށެއް ކަމުގައިވާ ހައިފާގައި ވެސް ނަތަންޔާހޫއާ ދެކޮޅަށް ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތައް އިންތިޒާމުކޮށްފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމުޢިއްޔާތަކުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ނަތަންޔާހޫގެ އިސްތިޢުފާއަށް ވެސް ގޮވައިލަމުންނެވެ.
ނަތަންޔާހޫގެ ސަރުކާރުން ދާދި ފަހުން ވަނީ، ފަލަސްޠީނުގެ ދިދަ ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ފަލަސްޠީނުގެ ދިދަ ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި އެ ކަން އިޢުލާނުކޮށްފައި ވަނީ ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ހަރުކަށި ފިކުރަށް ލޯބިކުރާ، އެ ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ ޖައްބާރު ވަޒީރެކެވެ.
އިސްރާޢީލުން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް މަސައްކަތް ކުރާނެ ކަން ވެސް ނަތަންޔާހޫގެ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. އަދި، އިރުމަތީ ޤުދުޞްގެ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން، އެ މީހުންގެ ގެދޮރުން ނެރުމުގެ މަސައްކަތް ވެސް ޔަހޫދީންގެ ދަޢުލަތުން ވަނީ ފަށާފައެވެ. މި ނިންމުންތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އަޑުއުފުލަން ފަށާފައިވާއިރު، މިއީ އިސްރާޢީލުގެ ގިނަ ރައްޔިތުން ވެސް ޤަބޫލުކުރާ ނިންމުންތަކެއް ނޫނެވެ.
ޝައިޚް ޖައްރާޙުގައި އިސްރާޢީލުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ކުރަމުންދާ މުޒާހަރާތަކުގައި އިސްރާޢީލުގެ ރައްޔިތުން ވެސް ދަނީ ބައިވެރިވަމުންނެވެ. ޝައިޚް ޖައްރާޙުގައި ބޭއްވި މުޒާހަރާއެއް އެއް ބައިވެރިއަކީ، އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އޮފަރ ކެސިފްއެވެ.
މި ނިންމުންތަކާ ދެކޮޅަށް ވެސް ޓެލް އަވީވުގައި ކުރަމުންދާ މުޒާހަރާގައި ދަނީ އަޑުއުފުލަމުންނެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކުރުމަކީ ޑިމޮކުރަސީގެ ސިފައެއް ނޫން ކަމުގައި މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ގޮވައިލާ އަޑުއުފުލަމުންނެވެ.
އިސްރާޢީލުގެ ޝަރުޢީ ދާއިރާއަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތަކެއް ދިނުމަށް ނިންމައި، އެ ޤައުމުގެ ޝަރުޢީ ދާއިރާއާ ބެހޭ ވަޒީރު ޔަރިވް ލެވިން ވަނީ އެ ކަން އިޢުލާނުކޮށްފައެވެ. މި ކަމާ ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ އަޑުއުފުލަމުންނެވެ. މި ކަމާ ދެކޮޅަށް އަޑުއުފުލަމުންދާ މުޒާހަރާގެ އެއް ބައިވެރިއަކީ އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ކުރީގެ އިސް ޣާޒީ އަޔާލާ ޕްރޮކާޝިޔާއެވެ.
ނަތަންޔާހޫއަކީ ޔަހުދީންގެ ދަޢުލަތުގެ ބޮޑުވަޒީރުކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. އޭނާގެ ސަރުކާރުތަކަކީ، ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއްގެ ލޭއޮހޮރުވައިލުމުގެ ފަހަތުގައިވާ ސަރުކާރުތަކެކެވެ. އޭނާއަކީ އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދުކޮށްފައިވާ ގާތިލެކެވެ. އޭނާގެ އައު ސަރުކާރަކީ ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ބިރުވެރިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.