ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ވެއްޓި 32 މީހުން މަރުވެއްޖެއެވެ. ބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 68 ފަސިންޖަރުންނާއި 4 ކްރޫއިންނެވެ.
މިބޯޓު ވެއްޓިފައިވަނީ ވެރިރަށް ކަތުމަންޑޫއިން ޕޮޚާރާއަށް ދަތުރުކުރަމުން ދަނިކޮށެވެ. ޕޮޚާރާއަކީ ކަތަމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ ފަތުރުވެރި މަންޒިލެކެވެ. މަތިންދާބޯޓު ވެއްޓުމުން ނޭޕާލުގެ ސަރުކާރުންވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ޢާއްމުންނަށް ގޮވާލައިފައެވެ.
ނޭޕާލްގެ ޔެޓީ އެއާލައިންސުން އޮޕަރޭޓްކުރާ ޓްވިން އިންޖީން އޭޓީއާރު-72 މަތިންދާބޯޓުގައި 72 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ތުއްތު ދެ ކުދިންނާއި ހަތަރު ކްރޫއިންނާ 10 ބިދޭސީން ހިމެނޭކަމަށް އެއާލައިންގެ ތަރުޖަމާނު ސުދަރްޝަން ބާޓައުލާ ވަނީ ކަށަވަރުކޮށްދީފައެވެ. ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މީގެކުރިން، 2018ވަނަ އަހަރު ބަންގެލަދޭޝްގެ އެއަރލައިނެއްކަމުގައިވާ ޔޫއެސް-ބަންގްލާގެ ފްލައިޓެއް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ތިރުބުވާން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި 49 މީހުންވަނީ މަރުވެފައެވެ.