ޚަބަރު

"ޕަތާން" ގެ ޓްރެއިލާ ބްރިޖް ޚަލީފާގައި އަޅުވައިފި


ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް ޝާހުރުކް ޚާން ލީޑް ރޯލުން ފެންނަ ފިލްމު "ޕަތާން" ގެ ޓްރެއިލާ ދުބާއީ ގައި ހުންނަ މަޝްހޫރު ބްރިޖް ޚަލީފާގައި އަޅުވައިފިއެވެ. އިންޓަރނޭޝަނަލް ލީގް ޓީ20 އަށް ޝާހު މިހާރު ހުރީ ދުބާއީގައެވެ.

އަހަރުތަކަކަށްފަހު ޝާހްރުކް ޚާން ފުރަތަމަ ފަހަރަށް ވަރުފަދަ އެކްޝަން ރޯލެއް ކުޅެފައިވާ ފިލްމު "ޕަތާން" އަކީ އެކްޝަން ތުރިލާއެއްގެ ގޮތުގައި މި މަހުގެ 25 ގައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މި ފިލްމަކީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އަށް، ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" އެވެ. ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ކުޅުނު އެ ފިލްމުވީ އެ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމަށެވެ.


"ޕަތާން" ޚާއްސަވާ ސަބަބުތަކުގެ ތެރޭގައި 2018 ގެ "ޒީރޯ" ގެ ފަހުން ޝާހު ކުރީގެ ފޯމުގައި އަލުން ސްކްރީނަށް އައުމާއި، ވަރުގަދަ ހަށިގަނޑަކާ އެކީ އެކްޝަން ރޯލަކުން ފެނުމާއި، ޝާހުއާއި ދީޕިކާ ޕަދްކޯންގެ ކެމިސްޓްރީވެސް އަލުން ސްކްރީނުން ބަލާލުމުގެ ފުރުޞަތު ފަހިވެގެން ދިއުން ހިމެނެއެވެ.

ޝާހްރުކާ އެކީ 2007 ގެ "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ނުކުމެ، ދީޕިކާ އާއި ޝާހުރުކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2013 ގެ "ޗެންނައި އެކްސްޕްރެސް" އާއި 2014 ގެ "ހެޕީ ނިއު އިޔާ" ވެސް ހިމެނެއެވެ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕަތާން" ގެ ވިލަންގެ ރޯލު ކުޅެފައި ވަނީ ޖޯން އަބްރަހަމެވެ. އެހެންކަމުން މި ފިލްމުން ޝާހުއާއި ޖޯން އަބްރަހަމްގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނ އެވެ. މި ފިލްމުގެ ވަރަށް ޚާއްސަ ފެނިލުމަކުން ސަލްމާން ވެސް ފެންނާނެއެވެ.