ޚަބަރު

ޝާހިދުގެ ފުރަތަމަ ވެބް ސީރީޒްގެ ޓްރެއިލާ ދައްކާލައިފި


ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ ވެބް ސީރީޒް "ފަރްޒީ" ގެ ޓްރެއިލާ ދައްކާލައިފިއެވެ. މިއީ ބޮލީވުޑް ތަރި ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒް އެވެ.

މީގެ ޓްރެއިލާއިން ފެންނަނީ ޝާހިދު ވަގު ފައިސާތަކެއް ގެންގުޅެނިކޮށެވެ. ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.


"ފަރްޒީ" ގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ރާޝީ ކަންނާ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެއެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒްގެ ޝޫޓިން ނިންމީ މިދިޔަ އަހަރުއެވެ. ޝާހިދު އާޓިސްޓެއްގެ ރޯލުން ފެންނަ "ފަރްޒީ" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ރާޝީ ކަންނާއެވެ.

"ފަރްޒީ" އަކީ އެމެޒޯން ޕްރައިމުން ދެއްކި އެކްޓަރު މަނޯޖް ބަޖްޕާއީ ލިޑް ރޯލުން ފެނުނު "ދަ ފެމިލީ މޭން" އާއި މިހާރު ވަރުން ދަވަނާ އެކީ "ސިޓަޑެލް އިންޑިއާ" ހަދަން ތައްޔާރީތައް ވަމުން އަންނަ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.