މިއަހަރުން ފެށިގެން ރާއްޖޭގައި ނަގާ ޓެކްސްތަކަށް ބަދަލު ގެނެސްފައިވާއިރު، އޭޝިޔާގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ، ސިންގަޕޫރުގައިވެސް މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ރޭޓް ވަނީ މިއަހަރު %8 އަށް ބޮޑުކޮށްފައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެކަކުން ފެށގެން ޖީއެސްޓީ ރޭޓް %9 އަށް އިތުރުކުރަންވެސް އެގައުމުން ވަނީ ނިންމާފައެވެ.
ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަކީ އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދޭ ކަމަކެވެ. ރާއްޖޭގައިވެސް، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓްތަކަށް ބަދަލު އައުމާއި ގުޅިގެން އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. ނަމަވެސް ޓެކްސް ބޮޑުކުރަން ޖެހެނީ ކޮންމެވެސް ކުރަންޖެހޭ ހަރަދުތައް ކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. ބޭރުގެ ބޭންކުތަކުން އިންޓްރަސްޓް ރޭޓްތައް ބޮޑުކުރަމުންދާއިރު، އަދި އެހީދޭ ގައުމުތައްވެސް އިގްތިސާދީ ހީނަރުކަމެއްގައި އޮތްއިރު، އާމްދަނީ ހޯދުމަށް އަމިއްލައަށް މަސައްކަތްކުރުން ނޫން ގޮތެއް އެއްވެސް ގައުމަކަށް ނޯންނާނެއެވެ.
ރާއްޖެއާއި ސިންގަޕޫރަށް ބަލާއިރު ދެ ޤައުމުންވެސް ޖީއެސްޓީ ރޭޓްއަށް ބަދަލުގެނެސްފައި ވަނީ ގާތްގަނޑަކަށް އެއް ސަބަބުތަކާއި ހުރެއެވެ. އޭޝިއާ ސަރަހައްދުގައި ސިންގަޕޫރު އިޤްތިޞާދީ ގޮތުން ކުރިއަރަފާވާއިރު، ރާއްޖެއަކީވެސް ސަރަހައްދީ ޤައުމުތަކާއި އެއްވަރަށް އިޤްތީޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ކުރިއަރަމުން އަންނަ ޤައުމެކެވެ.
ނަމަވެސް ކޯވިޑާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއެކު، އަލުން އިގްތިސާދު އިއާދަކުރަން ކުރާ މަސައްކަތްތަކާއެކު، ޤައުމު ތަރައްޤީކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށް ޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ މުހިންމުކަމެއްކަމަށް ދެ ޤައުމުންވެސް ޤަބޫލުކުރެއެވެ.
ސިންގަޕޫރުގެ ބަޖެޓުގެ ބޮޑުބައެއް މިހާރުވެސް ހަރަދުކުރަނީ ސިއްހީ ދާއިރާއަށްކަމަށްވާއިރު، މިދިޔަ 13 ވަރަކަށް އަހަރުތެރޭގައި ސިއްހީ ދާއިރާގެ ބަޖެޓް 1.5 ބިލިއަން ޑޮލަރުން 8 ބިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.
ސިންގަޕޫރުން ސިއްހީ ދާއިރާއަށް ކުރާ ހަރަދު އިތުރުވާ މައިގަނޑު ސަބަބަކީ އެގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވުމެވެ. ކަމާއިބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާއި ހަމައަށްދާއިރު ސިންގަޕޫރުގެ އާބާދީގެ ކޮންމެ 4 މީހެއްގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހަކަށް ވާނެެއެވެ. އެހެންކަމުން އިތުރު ހޮސްޕިޓަލްތަާކާއި އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުތައް އިތުރަށް ގާއިމްކުރަން ޖެހޭއިރު، މިއީ ސިންގަޕޫރުން ޓެކްސް ބޮޑުކުރި އެއް ސަބަބެވެ .
ރާއްޖޭގެ ޖީއެސްޓީ ރޭޓަށް ބަދަލު ގެނައުމުގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ ޚިދުމަތްތައް ޚަރަުދަނާކުރުމުގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީގެ ވިލުންވެރިކަން އިތުރުކުރުމެވެ. ރަނގަޅު ސިއްހީ ހިދުމަތަކާއި ތައުލީމެއް ފޯރުކޮށްދިނުމުގެ އިތުރުން، އެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ރަނގަޅު އުޖޫރަށް ދިނުމަށް މިވަގުތަށް ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހެއެވެ.
އިޤްތިޞާދީ ހީނަރުކަމެއްގައި ދުނިޔެ އޮތް ދަނޑިވަޅެއްގައި ރާއްޖެއިން ބޭރުންވެސް އެހީއާއި ލޯނު ލިބުން ދަތިއިރު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދޭން ޓެކްސް ރޭޓް އިތުރުކޮށްގެން، ޤައުމުގެ ތެރެއިން ޢާމްދަނީ ހޯދުން ފިޔަވައި އިތުރު ގޮތްތަކެއް ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމަކަށް ނޯންނާނެއެވެ. އަދި ކޯވިޑުގެ ތެރޭގައި މަޑުޖެހުނު ވިޔަފާރިތަކަށް ލިބުނު ގެއްލުން ކުޑަކުރުމަށް ސަރުކާރުން ވެދިން އެހީއާއެކު ދައުލަތުން ވަނީ މާލީ ބުރަތަކެއް އުފުލަންޖެހިފައެވެ. އެހެންކަމުން ޖީއެސްޓީ ރޭޓްއަށް ގެނެސްފައިވާ ބަދަލާއިއެކު، މިކަންކަަމަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިއަހަރު 32 ބިލިއަން ރުފިޔާ ދައުލަތުގެ ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ %70 ހިއްސާކުރަނީ ޓެކްސްއިން ލިބޭ ޢާމްދަނީއެވެ. އެގޮތުން، ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކުރަނީ ޖުމްލަ 23.5 ބިލިއަން ރުފިޔާއެވެ.
މިއަހަރަށް ލަފާކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފާވާއިރު މިއަހަރުގެ އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. ޓެކްސް އިތުރުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީން ސިއްހީ ދާއިރާއަށް 5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު،
ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމެވެ. އެ ހޮސްޕިޓަލްތަކުގެ މަސައްކަތް މިހާރުވެސް ފަށާފައިވާއިރު، މިއަހަރުގެ ބަޖެޓުގައިވެސް އެކަމަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ 132 ރަށެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވެސް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ސިއްހީ ދާއިރާއަށްފަހު ޓެކްސްއިން ލިބޭ އާމްދަނީ އެންމެ ބޮޑަށް ދެން ހަރަދު ކުރާނީ ތައުލީމީ ދާއިރާއަށެވެ. ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ތަޢުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ތަޢުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫޢެއް 2023 ވަނަ އަހަރު ހިންގުމަށް ރާވާފައިވެއެވެ. މީގެތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްޤީކުރުމުގެ އައު މަޝްރޫއުތައް ހިމެނެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުން ޓެކްސް ރޭޓަށް އަންނަ ބަދަލާއި، ލިބޭ އާމްދަނީއާއެކު ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި އަދި އެހެންވެސް ތަރައްގީގެ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް އެހީތެރިވެދޭނެކަމަށެވެ.
ސަރުކާރުން މިއަހަރު ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިންވެސް ވަނީ ފާގަކޮށްފައެވެ. އަނެއްކޮޅުން ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު އެންމެ ބާރު މިނެއްގައި ކުރިއަރާނެ ޤައުމަކީ ރާއްޖެކަމަށް ވޯލްޑް ބޭންކުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެއަށް އޮތީ އިގްތިޞާދީގޮތުން ފަހި ދުވަސްތަކެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.