ކުޅިވަރު

ލީޑްސް އަތުން އެސްޓަން ވިލާއަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަންވިލާ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ވިލާއިން ކާމިޔާބުކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ވިލާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ވިލާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލިއޮން ބެއިލީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ އެމިލިއާނޯ ބުއެންޑިއާއެވެ. މިމެޗްގައި ލީޑްސްއުބް ޖެހި ހަމައެކަނި ލަނޑު މެޗްގެ 83ވަނަ މިނެޓްގައި ޖަހާދިނީ ޕެޓްރިކް ބެންފަޑްއެވެ. މިމެޗްގައި ލީޑްސްއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހަމަލާތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ 19 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު 11 ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލީޑްސްގެ ކޯޗް ޖެސީ މާރޝް ހާމަކުރިގޮތުގައި މިއީ އޭނާގެ ޓީމްގެ ފަރާތުން މިހާތަނަށް ފެނިގެންދިޔަ އެންމެ ފުރިހަމަ ކުޅުން ކަމަށެވެ. އޭނާ އެކްލަބްގައި ހޭދަކުރި 11 މަސް ދުވަހުގެ ތެރޭގައި މިއީ އެންމެ ފުރިހަމަ ކުޅުން ކަމުން ޓީމް ދަތުރު ކުރަމުންދާ މިސްރާބާމެދު ހިތްހަމަ ޖެހޭކަމަށެވެ. ހަމައެކަނި މައްސަލައަކީ މިކުޅުމާއެކުވެސް މެޗުން ނަތީޖާއެއް ނުނެރެވުމުންނެވެ. ލީޑްސް މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.