ޚަބަރު

ޔޫކްރެއިނުގެ ސޮލޭދާރްގެ މައްޗަށް ރަޝިޔާ ސިފައިން އަތްގަދަކޮށްފި


ޔޫކްރެއިނުގެ އިރުމަތީގައިވާ ސޮލޭދާރްގެ މައްޗަށް އަތްގަދަކޮށްފައިވާ ކަމުގައި ރަޝިޔާއިން ހާމަކޮށްފިއެވެ. ސޮލޭދާރްއަކީ ރަޝިޔާ ސިފައިން މިހާރުވެސް ބޮޑު ބަޔެއް ކޮންޓްރޯލް ކުރަމުންދާ ޑޮނެޓްސްކްގެ ރަށެކެވެ. ސޮލޭދާރްގެ އިތުރުން އެ ރަށާ އިންވެގެން އޮތް މަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން މަސައްކަތް ކުރަމުންދާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. އަދި، ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްފައެވެ. މީގެ ތެރޭގައި ޑޮންބާސް ސަރަޙައްދުގައި ހިމެނޭ ޑޮނެޓްސްކާއި ލުހާންސްކް ހިމެނެއެވެ. ސޮލޭދާރަކީ ޑޮނެޓްސްކްގައި އޮންނަ ސިނާޢީ މަސައްކަތްތައް ކުރާ ރަށެކެވެ.

ސޮލޭދާރް ހިފުމަކީ ރަޝިޔާގެ ސިފައިންނަށް ލިބިފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޤައުމުން ސިފަ ކުރެއެވެ. މިއީ، ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއިން ރަޝިޔާ ސިފައިން ފައްސައިލި ފަހުން އެ ޤައުމުގެ ސިފައިންނަށް ލިބުނު ހަމައެކަނި ކުރިއެރުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާރްސަން ހިފައިގެން ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖައްސާފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި، ރަޝިޔާގެ އަތްދަށް ސޮލޭދާރް ވެއްޓިފައިވާ ކަން ޔޫކްރެއިނުގެ ސަރުކާރުން ދަނީ ދޮގުކުރަމުންނެވެ.

ސޮލޭދާރާއި ބަޚްމުތް ހިފުމަށް ރަޝިޔާގެ އަސްކަރިއްޔާގެ އެންމެ ކުޅަދާނަ އަދި އެންމެ ތަޖުރިބާކާރު ސިފައިންގެ ފައުޖުތައް ފޮނުވާފައިވާއިރު، އެ މީހުންނަށް އެހީތެރިވުމަށް ވެގްނާ ގުރޫޕުގެ ކުލީ ސިފައިން ވެސް ވަނީ ފޮނުވާފައެވެ. މި ހަނގުރާމައަށް 11 މަސް ފުރެން ގާތްވެފައިވާއިރު، މި ވަގުތު އެންމެ ނުރައްކާތެރި ހަނގުރާމައެއް ހިނގަމުން ދަނީ، އަދި އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ސޮލެދާރާއި ބަޚްމުތްގައި ކަމަށް ޔޫކްރެއިނުން ބުނެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވެފައި ވަނީ، އެ ދެ ރަށުގައި ރަޝިޔާ ސިފައިން ކުރަމުން ދަނީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކަމުގައެވެ. ސޮލޭދާރާއި ބަޚްމުތަށް ރަޝިޔާގެ ފައުޖުތަކުން ހުއްޓުމެއްނެތި އާޓިލަރީ ބަޑި ބޭނުންކޮށްގެން ހަމަލާދެމުންދާ ކަމުގައި ޕޮޑޮލްޔެކް ވިދާޅުވިއެވެ. އަދި، މަގުތަކާއި ޢިމާރާތްތަކުގެ ތެރޭގައި ދެ ޤައުމުގެ ފައުޖުތަކުން ހަމަލާ ބަދަލުކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސޮލޭދާރް ރަޝިޔާ ސިފައިންގެ އަތްދަށަށް ވެއްޓިއްޖެ ނަމަ، ބަޚްމުތްގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ފައުޖުތަކަށް ބޮޑު ނުރައްކަލަކާ ކުރިމަތިވާނެއެވެ. އަދި، ބަޚްމުތްގައި ތިބި ސިފައިންނަށް ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދޭން އޮތް މަގުތައް ބަންދުވާނެ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބަޚްމުތް ހިފުމަކީ، މި ވަގުތު ރަޝިޔާ ސިފައިންގެ މައިގަނޑު އެއް އަމާޒެވެ.

ސޮލޭދާރް ހިފުމަށް ކުރަމުންދާ ހަނގުރާމައަށް ރަޝިޔާއިން ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ފޮނުވާފައިވާ ކަމުގައި ޔޫކްރެއިނުގެ އަސްކަރީ އެނެލިސްޓެއް ކަމުގައިވާ އޮލޭ ޒްދާނޮފް ބުންޏެވެ. އަދި، ރަޝިޔާގެ ވައިގެ މަގުން ހަތިޔާރާއި ސިފައިން ފޮނުވަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އެ ރަށް ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ދަނީ އަސްކަރީ މަތިންދާބޯޓުތައް ވެސް ބޭނުން ކުރަމުންނެވެ.

ސޮލޭދާރް ހިފާފައިވާ ކަމަށް ރަޝިޔާއިން ބުނި ނަމަވެސް، ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. "ސޮލޭދާރާއި އެ ރަށާ އިންވެގެން އޮތް ކްރެމިންނާއާއި ބަޚްމުތް ދިފާޢު ކުރަން ޔޫކްރެއިނު ސިފައިން އަދިވެސް ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން،" ޒެލެންސްކީ ވިދާޅުވިއެވެ. އަދި، ޔޫކްރެއިނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ސެރްހީ ޗެރެވެޓްޔީ ވެސް ވަނީ ރަޝިޔާގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އަދި، އެ ސަރަޙައްދުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކަށް ލިބެމުންދާ ގެއްލުންތައް އަންދާޒާ ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަށާއި، ރަޝިޔާގެ ފައުޖުގައި ހިމެނޭ ގިނަ އަދަދެއްގެ ސިފައިންނާއި ކުލީ ސިފައިން މަރުވެފައިވާ ކަމުގައި ޕޮޑޮލްޔެކް ވަނީ ވިދާޅުވެފައެވެ. ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިނުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ މަރިޔުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ 90 އިންސައްތައަކީ ޢާންމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ސޮލޭދާރާއި ބަޚްމުތުގެ ހާލަތު ތަފާތު ކަމަށާއި، މަރުވެފައިވާ މީހުންގެ ތެރެއިން 90 އިންސައްތައަކީ ރަޝިޔާ ސިފައިން ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ރަށްތަކުގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އަދަދު 15,000 އާ ގާތްކުރާނެ ކަމަށް އޭނާ އަންދާޒާ ކުރައްވައެވެ.