ޚަބަރު

ގެއްލިގެން ހޯދި ޒުވާނާ ހުރީ މާލޭގައި، އާއިލާއާ ގުޅިއްޖެ


މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ އާއިލާއާއި ގުޅިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒްއެވެ.

މި ޒުވާނާ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން އައިލާއިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ 10 ވަނަދުވަހުއެވެ. އަދި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާ ހަބަރެއް ނުވެގެން އާއްމުކޮށް އިއުލާންކުރީ މިމަހުގެ 12 ވަނަދުވަހުއެވެ.

ފުލުހުން ވިދާޅުވީ މި ޒުވާނާ ގެއްލިގެން އާއްމުކޮށް އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށެވެ. އަދި އޭނާގެ އާއިލާއާ އޭނާ ގުޅިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.