ޚަބަރު

ޗައިނާގެ ބިރަށް ޖަޕާނުގެ އަސްކަރިއްޔާ ޒަމާނީ ކުރަނީ


ޖަޕާނުގެ އަސްކަރިއްޔާ ޒަމާނީކޮށް، ދިފާޢީ ބާރުވެރިކަން އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވިދާޅުވެއްޖެއެވެ. ކިޝިޑާ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެ ބިރުވެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި، ރަޝިޔާގެ އަމަލުތައް ނަމޫނާއަކަށް ބަލައި، ޗައިނާއިން ޖަޕާނަށް އެރުމުގެ ބިރު އޮތް ކަމުގައެވެ.

އޭނާ މި ކަން ހާމަކުރައްވާފައި ވަނީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަންއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިޑަން ވަނީ، ދިފާޢީ ދާއިރާގެ ބަޖެޓު ބޮޑުކުރަން ޖަޕާނުން ނިންމާފައިވާ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. ދިފާޢީ ބަޖެޓު ބޮޑުކުރުމުގެ އިތުރުން ޖަޕާނުން ވަނީ އެ ޤައުމުގެ އަސްކަރީ އާލާތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރަން ވެސް މަސައްކަތް ފަށާފައެވެ.

"އަޅުގަނޑު ސާފުކޮށްދޭން ބޭނުން. އެމެރިކާއާއި ޖަޕާނާ ދެމެދު ހަދާފައިވާ ދިފާޢީ އެއްބަސްވުންތައް ދަމަހައްޓަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދި، ޖަޕާނުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ފޯރުވާ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ތެދުވާނަން،" ބައިޑަން ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ނާކާމިޔާބީއަށް ފަހު ޢާންމު ގޮތެއްގައި ޖަޕާން ފެންނަނީ ސުލްޙައަށް ލޯބިކުރާ، ސަރަޙައްދީ ސުލްޙަމަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރަމުންދާ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް، ޗައިނާއިން ދަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ބާރާއި ނުފޫޒު އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. އަދި، ދެކުނު ކޮރެޔާއިން ދަނީ މިސައިލް ޓެސްޓުތަކެއް ހަދައި، ސަރަޙައްދީ ސުލްޙަމަސަލަސްކަން ނަގައިލަން މަސައްކަތް ކުރަމުންނެވެ.

"ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު ފިނި ހަނގުރާމައަށް ފަހު ދުނިޔޭގެ ހާލަތު ވަނީ ބަދަލުވެފައި. މިއީ ނުރައްކާތެރި ބަދަލެއް. ޤައުމުތަކުގެ އަސްކަރީ ބާރުވެރިކަމާއި ނުފޫޒު ބޮޑުކުރަމުންދާ މި ދަނޑިވަޅުގައި، އެ ކަންކަމާ އަޅައިނުލައި ތިބެވޭކަށް ނެތް. އެ ފަދަ ނުރައްކާތެރިކަމެއް އޭޝިޔާއަށް ފެތުރުމުގެ ފުރުޞަތު ވެސް އެބައޮތް،" ކިޝިޑާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި މި ވަނީ، ތައިވާނުގެ މިނިވަންކަމާ ގުޅޭ ގޮތުން ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑަށެވެ.

އެމެރިކާއާއި ޖަޕާނުން ޗައިނާއާ ދެމެދު ގެންގުޅޭ ގުޅުން ދެމެހެއްޓުމަކީ މިހާރު އެ ދެ ޤައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ޖަޕާނުން ވަނީ ރަޝިޔާއާ ދެކޮޅަށް ތެދުވެފައެވެ. އަދި، އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ޖަޕާނުން ވެސް ވަނީ އެއްބާރުލުން ދީފައެވެ. ޖަޕާނުން ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ނެތް ނަމަވެސް، އެ ޤައުމަށް އިންސާނީ އެހީ ފޮނުވާފައިވެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެކޮޅަށް ޖަޕާނުން ތެދުވެ ކުރަމުންދާ މަސައްކަތްތަކަށް ބައިޑަން ވަނީ ކިޝިޑާއަށް ޝުކުރު އަދާކުރައްވާފައެވެ. ކިޝިޑާ އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ޤައުމު ކަމުގައިވާ ޖީ7ގެ ރިޔާސަތުގެ ހައިސިއްޔަތުން ޖީ7ގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.

އޭނާ ވިލާތާއި އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ، އިރުމަތީ އޭޝިޔާގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއާއި ތައިވާނާ ދެމެދު ކޯޅުން ބޮޑުވެ، ދެ ކޮރެޔާގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ވަގުތެއްގައެވެ. މި ކޯޅުންތަކުގެ މެދުގައި ޖަޕާނު ވެސް އޮތީ ތާށިވެފައެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ އިތުރުން އޭނާ ވަނީ ފަރަންސޭސިވިލާތާއި، އިޓަލީވިލާތުގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގަންނަވާފައެވެ. މިއީ، ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އޭނާ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިރުމަތީ އޭޝިޔާގައި ޗައިނާއިން ނުފޫޒު ގަދަކުރަމުންދާ ކަމަށް ތުހުމަތުކޮށް، ހުސްވި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ޖަޕާނުން ވަނީ އެ ޤައުމުގެ ދިފާޢީ ބަޖެޓު ބޮޑުކުރަން ނިންމައި، އަސްކަރިއްޔާ އިތުރަށް ބާރުވެރިކުރުމަށް މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ވެސް ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.

އުތުރު ކޮރެޔާއިން ދާދިފަހުން ހެދި ބެލިސްޓިކް މިސައިލް ޓެސްޓުތަކެއްގެ ތެރެއިން ޖަޕާނުގެ މަތިން މިސައިލެއް ފޮނުވައިލާފައިވާ ކަން ފާހަގަކުރެވެއެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަކަށް ގެނެސް، އެ ޤައުމުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޖުބޫރުވިއެވެ.

މި އަހަރު ޖީ7ގެ ޤައުމުތަކުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަޕާނުގައެވެ. ޖަޕާނުގެ އިތުރުން އެ ޖަމުޢިއްޔާގައި ހިމެނޭ ޤައުމުތަކަކީ އެމެރިކާ، ޖަރުމަނުވިލާތް، އިޓަލީވިލާތް، އަދި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާއެވެ.