ޚަބަރު

ދައުލަތުން ހިންގާ ހިޔާތަކަށް ލަކްސް ރިސޯޓުގެ މާލީ އެހީއެއް


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓާ "އަމާން ވެށި" މަރުކަޒުތަކަށް ލަކްސް އަރި އެޓޯލް ރިސޯޓުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ރިސޯޓުން ވަނީ އަމާން ވެށި މަރުކަޒުތަކަށް ވިހި ހާސް އެމެރިކާ ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދީފައެވެ.

ލަކްސް ރިސޯޓްގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި އެ ރިސޯޓުން ފޯރުކޮށްދިން މާލީ އެހީ، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އާއިޝަތު މުޙައްމަދު ދީދީއާއި ހަވާލުކޮށްދެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާސްއެވެ.

މި އެހީ ބޭނުންކުރުމަށް ނިންމާފައިވަނީ އަމާން ވެށިތަކުގައި ކުދިން ބެލެއްޓުމަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމަށެވެ.

ދައުލަތުން ބަލަހައްޓާ ކުދިން ބެލެހެއްޓުމަށް މިހާތަނަށް 5 އަތޮޅެއްގައި ވަނީ 5 އަމާންވެއްޓެއް ޤާއިމްކޮށްފައެވެ. އެ އަމާން ވެށިތައް ޤާއިމުކޮށްފައިވަނީ، ބ.އޭދަފުށި، ފުވައްމުލައް ސިޓީ، ނ.މަނަދޫ، ހއ.ދިއްދޫ އަދި ށ.ފުނަދޫގައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދުއިސައްތައެއްހާ ކުދިންގެ ތެރެއިން 80އަށްވުރެ ގިނަ ކުދިން މިހާރު ދިރިއުޅެމުން އަންނަނީ އަތޮޅުތަކުގެ އަމާން ވެށި ތަކުގައެވެ.

މި އާމާން ވެށިތަކުގެ އެންމެ ބޮޑު ބޭނުމަކީ، ކުދިންނަށް އަމާން މާޙުލެއްގެ މުޖުތަމަޢުގެ ލޯބި ލިބިގެން ބޮޑުވާ ކުދިންތަކަކަށް ވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަމާންވެށިތައް ޤާއިމުކޮށް ކުދިން ރަށްރަށަށް ބަދަލުކުރަން ފެށުމާއިއެކު އެ ކުދިންގެ އަޚްލާގާއި، އަޢުލީމާއި އަދި ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

މީގެއިތުރުން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ހެދިބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުމަކީވެސް މިކަމުގެ ބޭނުމެކެވެ.