ޚަބަރު

ފިޔަވަޅުތައް ދޫކޮށްލި ފަހުން ކޮވިޑްގައި މަރުވީ 37 މީހުން: ޗައިނާ


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން މިހާތަނަށް ބަލީގައި މަރުވެފައި ވަނީ 37 މީހުން ކަމުގައި ޗައިނާއިން ބުނެފިއެވެ. ކޮވިޑް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ޗައިނާއިން ހާމަކޮށްފައި މި ވަނީ، އަދަދުތަކާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ދަނީ، ބަލި ޖެހިފައިވާ މީހުންނާއި، ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުތައް ހާމަ ކުރުމަށް ޗައިނާއަށް ބާރު އަޅަމުންނެވެ. އަދި، މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުގެ ސައްހަކަމާ މެދު ވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ، ޗައިނާގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވޭ ވަރަކަށް އިތުރުވެފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވުމެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ޗައިނާއިން އުވައިލާފައި ވަނީ 2022 ޑިސެންބަރު 7 ވަނަ ދުވަހުއެވެ. އެއަށްފަހު، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށިއެވެ. އަދި އެތަކެއް ހާސް ބަޔަކަށް ބަލި ޖެހެމުން ދިޔައެވެ. އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ޗައިނާއިން ދަނީ އެ ކަން ދޮގު ކުރަމުންނެވެ.

ޗައިނާގެ ހެނާން ޕުރޮވިންސަށް އެކަނި ބަލައިލިކަމުގައިވީ ނަމަވެސް ފެންނަނީ ނުރައްކާތެރި އަދި ބިރުވެރި މަންޒަރެކެވެ. އެ ޕުރޮވިންސުގެ އާބާދީގެ 90 އިންސައްތަ މީހުންނަށް މި ވަގުތު ބަލި ޖެހިފައިވާ ކަމުގައި އެ ޕުރޮވިންސުގެ އޮފިޝަލުން ބުނެއެވެ. މާނައަކީ، 99.4 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ހެނާންގެ 88.5 މިލިޔަން މީހުންނަށް މި ވަގުތު ބަލި ޖެހިފައިވާކަމެވެ.

ނަމަވެސް، ޑަބްލިޔު.އެޗް.އޯ.ގެ ކަންބޮޑުވުންތަކަށް ރައްދުދެމުން ޗައިނާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ބުނީ، މި ބަލީގައި މަރުވާ މީހުންގެ އަދަދަކީ މުހިންމު އަދަދެއް ނޫން ކަމުގައެވެ. އަދި، އެއީ ވިސްނަންޖެހޭ ނަންބަރެއް ނޫން ކަމުގައެވެ. އެ ޤައުމުން މި ވަގުތު އިސްކަންދޭ އެންމެ މުހިންމު ކަމަކީ، ބަލި ޖެހޭ މީހުންނަށް ފަރުވާދިނުން ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

ޗައިނާގެ ސަރުކާރުން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގައި ހިމެނޭ އިސް އެޕިޑޮމިއޮލޮޖިސްޓެއް ކަމުގައިވާ ލިއެންގް ވެނިއަން ވިދާޅުވީ، ބަލީގައި މަރުވާ މީހުން ކަނޑައަޅާނީ ޤައުމުތަކުގެ ހާލަތަށް ބަލައި، އެ ޤައުމަކުން އަމިއްލައަށް ކަމުގައެވެ. އަދި، އެކަމާ ގުޅޭ ނިންމުންތަކަށް އެހެން ޤައުމުތަކުން އިހުތިރާމުކުރުމަކީ މި ކަމުގައި ކުރިއަށްދެވެން އޮތް އެންމެ ރަނގަޅު މަގު ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާއިރު، 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮތް ޗައިނާއިން ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން މަރުވީ އެންމެ 37 މީހުން ކަމަށް ބުނުމުން، މިއީ ޤަބޫލުކުރަން ދަތި އަދަދެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ޗައިނާއިން ދާދި ފަހުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި، މި ބަލީގައި މަރުވާ މީހުންގެ ގޮތުގައި މިހާރު ބަލަމުން ދަނީ، ބަލި ޖެހި ނޭވާލާ ނިޒާމު ފޭލުވާ މީހުން އެކަންޏެވެ.

މި ކަމާ ގުޅިގެން ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ، ބަލި ޖެހިގެން އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންނާއި، މަރުވާ މީހުންގެ ފުރިހަމަ އަދަދުތައް އެ އިދާރާއާ ހިއްސާކުރުމަށް ޗައިނާއަށް ގޮވައިލައްވާފައެވެ. އެ އިދާރާގެ ކުއްލި ހާލަތްތަކާ ބެހޭ ޑިރެކްޓަރ މައިކަލް ރަޔަން ވެސް ވަނީ، މަރުވާ މީހުންގެ އަދަދު ކަނޑައެޅުމަށް ޗައިނާއިން މިހާރު އަމަލުކުރަމުންދާ ސިޔާސަތަކީ އެންމެ ފުރިހަމަ ސިޔާސަތެއް ނޫން ކަމުގައި ވިދާޅުވެފައެވެ.

ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށުމުން ބައެއް ޤައުމުތަކުން ވަނީ ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، ޗައިނާއިން ފުރައިގެން ދަތުރުކުރާ މީހުން ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަން މަޖުބޫރު ކުރުވާފައެވެ. ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް މި ފަދަ ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، އިޓަލީ ވިލާތް، ސްޕެއިން، ޤަޠަރު، އިސްރާޢީލް، އަދި އިންޑިޔާގެ އިތުރުން ޗައިނާގެ އަވަށްޓެރިން ކަމުގައިވާ ދެކުނު ކޮރެޔާއާއި ތައިވާނާއި ޖަޕާނު ވެސް ހިމެނެއެވެ.