ކުޅިވަރު

ބާރު ދުވެލީގައި ގޮސް ސާއިދު އޮބާލަނީ


ރޭހެއްގައި އެކަކު މާބާރަށް ގޮސް ފަހަތުގައި ތިބި މީހުންނަށް ގެއްލިއްޖެނަމަ ނުވަތަ ކިރިޔާ ފެންނަ ހިސާބު ދުރަށް ގޮސްފިނަމަ ބުނެ އުޅެނީ މާދުރަށް ގޮސް އޮބާލީކަމަށެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކުރިއެރުން އަޅުގަނޑަށް ސިފަވަނީ މިގޮތަށެވެ. ބަލަބަލާ ތިއްބާ ކުރިއަރައި ގޮސް އޮބާލަނީއެވެ. ސާއިދުގެ ކުރިއެރުމާއި، ދުވެލި އެހާވެސް ބާރެވެ.2008 ވަނަ އަހަރުން ފަށާއިރު އެއަހަރު ބަނގްލަދޭޝްގައި އޮތް ސައުތް އޭޝިއަން ގޭމްސްގައި ލޯމެޑަލް ހޯދި ރިލޭ ޓީމްގައި ސާއިދު މުޙިންމު ދައުރެއް އަދާކުރިއެވެ. ރޭހުގެ އެންމެ ފަހު އެތްލީޓެއްގެ ގޮތުގައި ރާއްޖޭގެ ޓީމުން ރޭސް ނިންމީ ސާއިދުއެވެ. އޭގެފަހުން މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. 2008 ގެ ސައުތް އޭޝިއަން ގޭމްސްއަށްފަހު ރާއްޖެއާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުން ހޯދި ތަމްރީންތަކާއެކު ބޮޑަތި ކުރިއެރުންތަކެއް ހޯދައި ރީޔޫނިއަން ގޭމްސްގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދީ ދިވެހިން ފަޚްރުވެރިވާ އެތްލީޓަކަށްވިއެވެ. އެވަރުން ނިންމާ ނުލައި ރިހި މެޑެއްޔެއްވެސް ހޯދިއެވެ.އޭގެފަހުން މިމަހު އިންޑިޔާގައި އޮތް ސައުތް އޭޝިއަން ގޭމްސްއެވެ. ރާއްޖެއިން ހޯދި 3 މެޑަލްގެ ތެރެއިން 2 މެޑަލް ހޯދީ ސާއިދުއެވެ. ދެ ރިހި މެޑެއްޔާއެކު ގޭމްސްގެ ދިވެހި ހީރޯއަކީވެސް ސާއިދުއެވެ. މެޑަލްގެ އިތުރުން ޤައުމީ ރެކޯރޑްތައް އާކުރިއެވެ. އޭނާގެ ދުވެލި ބާރުކަން ކިތަންމެ ރަނގަޅަށްވެސް ހާމަކޮށްދިނެއެވެ. ގޭމްސްއަށްފަހު އެނބުރި އައިސް ހަމަޖެހިލާނެ ވަގުތެއްވެސް ނުލިބި މިހާރު އެހުރީ ޤަޠަރުގައި ކުރިއަށްދާ އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރުމަށެވެ.ޞަރަހައްދުން ހޯދި ކާމިޔާބީއާއެކު ސާއިދު މާދުރަށް ދަތުރުކޮށް، މިހާރު އެވަނީ އޭޝިޔާގެ ބޯޑަރު ހުރަސްކޮށްފައެވެ. 12 ގަޑިއިރުގެ ތެރޭގައި ދެ ފަހަރަށް ޤައުމީ ރެކޯޑެއް މުގުރާލައި، އޭޝިއަން އެތްލެޓިކްސް މުބާރާތެއްގެ ފައިނަލަށް ދިޔަ ފުރަތަމަ ދިވެހި އެތްލީޓަކަށް ވުމުގެ ފަޚްރާއި ޝަރަފްވެސް ހޯދީއެވެ. 60 މީޓަރުގައި ދުވެ ޤައުމީ ރެކޯޑް މުގުރާލައިގެން ސެމީފައިނަލަށް ދަތުރުކުރިއެވެ. ހަމައެކަނި ރެކޯޑް މުގުރާލީއެއްނޫނެވެ. އެކަން ކުރީ ބާރު ދުވެލީގައި ގޮސް ބޮޑު ތަފާތަކުންނެވެ. 6.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރީގެ ރެކޯޑަކީ 7.27 އެވެ. މިއީ 2010 ވނަ އަހަރު އިސްމާއީލް ޝަނީމް ހެދި ރެކޯޑެވެ. އެހެންކަމުން އެހެން އެތްލީޓެއްގެ އަތުގައި އޮތް ރެކޯޑް ސާއިދު މުގުރާލީ 0.64 ސިކުންތުގެ ކުރިއެރުމަކާއެކުގައެވެ.މިވަރަކުން ނުނިމެއެވެ. 12 ގަޑިއިރު ނުވަނީސް އެރެކޯރޑް ސާއިދު އާކުރިއެވެ. ސެމީފައިނަލްގައި ވާދަކޮށް 6.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެފަހުން ފައިނަލްގައި ވާދަކޮށް ރޭ ރާއްޖެ ގަޑިން 10:45 ހާއިރު ސާއިދު ރޭސް ނިންމީ 6.84 ސިކުންތުންނެވެ. އޭޝިޔާގެ ބާރު ދުވުންތެރިންނާއި ވާދަކޮށް ސާއިދު 5 ވަނަ ހޯދިއެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަކީ މިހާރު މިޞަރަހައްދުގެ ވާދަވެރިއެއްނޫނެވެ. އޭޝިޔާ ބޯޑަރު ހުރަސްކޮށް އަދިވެސް ބާރަށް ދުވަމުންދާ އެތްލީޓެކެވެ. އަދިވެސް ކުރިއެރުންތައ ހޯދަމުންދާ ބާރު ދުވުންތެރިއެކެވެ. އޭނާގެ ބާރު ދުވެލީގެ ސަބަބުން އޮބާލާ ހިސާބުގައި ނުވަތަ ފަހަތުގައި ތިބި އެތްލީޓުންނަށް ކިރިޔާ ފެންނަ ހިސާބުގައި ހުރި ރާއްޖެ ފަޚްރުވެރިވާ އެތްލީޓެކެވެ. ސާއިދުއަކީ އޭޝިޔާ މުބާރާތަކުން އެންމެ ބޮޑު ކާމިޔާބީ ހޯދި ރާއްޖޭގެ އެތްލީޓެވެ.