ޚަބަރު

ހުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއަކު މަރުވެއްޖެ


މާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ހުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވެފައިވަނީ ލ. ކުނަހަންދޫ ކަރަންކާގެ ޢުމުރުން 36 އަހަރުގެ މުޙައްމަދު ރަޝީދުކަމަށެވެ.

ކަރެކްޝަންސްއިން ވިދާޅުވީ މުޙައްމަދު ރަޝީދު މަރުވީ ރޭގެ ވަގުތެއްގައި އޭނާ ހުންގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށްކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:40 ހާއިރުކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ކަރެކްޝަންސްއިން ވިދާޅުވެއެވެ.


ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކަމަށެވެ. އޭނާ މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައި ނުވާކަމަށާއި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫންކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

މުޙައްމަދު ރަޝީދު މަރުވުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށްވެސް އެސަރވިސްއިން ވިދާޅުވެއެވެ.