ޚަބަރު

ކެލިފޯނިޔާއަށް ބާރުގަދަ ތޫފާނެއް އަރައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓަށް ބާރުގަދަ ތޫފާނެއް އަރައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، 17 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ކެލިފޯނިޔާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެލެބާމާ ސްޓޭޓަށް ވަނީ ބާރުގަދަ ތޫފާނަކާ އެކު ނަގޫރޯޅިތަކެއް ވެސް އަރާފައެވެ. މި ހާދިސާތަކުގައި ހަ މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

ކެލިފޯނިޔާގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓްގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި، ހައިވޭތަކުގައި ފެންބޮޑުވެ، ގަސްގަހާގެހި ވެއްޓި، ޢާންމުންގެ ގެދޮރާއި ވިޔަފާރިތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކެލިފޯނިޔާގެ 66,000 އަށްވުރެ ގިނަ ގޭބީސީއާއި ވިޔަފާރިތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް މެދުކެނޑިފައެވެ.

އެ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ފަސް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާ ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސްޓޭޓްގެ ބައެއް ސަރަޙައްދުގައި ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ސްޓޭޓްގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ސިއެރެ ނެވާޑާ ފަރުބަދަ ހުންނަ ސަރަޙައްދަށް ސްނޯގެ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ވަނީ ކޮށްފައެވެ.

ކެލިފޯނިޔާގެ ހުޅަނގު އައްސޭރިފަށުގެ ސަރަޙައްދުގައި ބާރުގަދަ ތޫފާނެއް އުފެދިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސްޓޭޓްގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އެ ސްޓޭޓްގެ އުތުރުގެ ސަރަޙައްދުތަކަށެވެ. މިއީ، 2005 ވަނަ އަހަރަށް ފަހު އެ ސަރަޙައްދުގައި އުފެދިފައިވާ އެންމެ ބާރުގަދަ އެއް ތޫފާނެވެ.

އެ ސްޓޭޓްގެ ގަވަރުނަރު ކެވިން ނިއުސަމް ވިދާޅުވީ، ފެންބޮޑުވުމާ ގުޅިގެން އެ ސްޓޭޓްގެ ބައެއް ރަށްތަކުގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަމުރު ނެރެފައިވާ ކަމުގައެވެ. އަދި، މިހާރު ވެސް 34,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ތޫފާނުގެ އަސަރުތައް ކުރަމުންދާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި އެންމެ ބޮޑެތި މުއްސަނދިން ދިރިއުޅޭ ރަށެއް ކަމުގައިވާ މޮންޓެސީޓޯ ހިމެނެއެވެ. އަދި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މީގެ ފަސް އަހަރު ކުރިން އެ ސަރަޙައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވެސް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކެލިފޯނިޔާއަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައި މި ވަނީ، ހަނަފަސްކަމުގައި 20 ވަރަކަށް އަހަރު ވޭތުވުމަށް ފަހުއެވެ. ހަނަފަސްކަމާއި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކެލިފޯނިޔާގެ ޖަންގަލިތަކުގައި ކޮންމެ އަހަރަކު ވެސް ރޯވެ، ބޮޑު ސަރަޙައްދެއް އަނދައިދެއެވެ. މިއީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކާރިސާތަކެއް ކަމުގައި ސައިންސްވެރިން ބުނެއެވެ.