ޚަބަރު

ޔޫކްރެއިނެކޭ އެއްގޮތަށް އެހެން ޤައުމުތަކާމެދުވެސް އަޅާލަންޖެހޭ: ހިޔުމަން ރައިޓްސް ވޮޗް


ޔޫކްރެއިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށް، އެހެން ޤައުމުތަކުގައި ވެސް ހާލުގައި ޖެހިފައިވާ މީހުންނާ މެދު ހަމަ އެބީދައިން އަމަލު ކުރުމަށް ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)އިން ގޮވައިލައިފިއެވެ. އެޗް.އާރް.ޑަބްލިޔު.އަކީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ، އަދި ވަކާލާތުކުރާ ޖަމުޢިއްޔާއެކެވެ.

"ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ކަޅު، ބޯ ވިލާތަކުގެ ތެރެއިން އަލިގަދަ ދަންމަރެއް ފެނިގެންދިޔަ. އެއީ، އެ ޤައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދީފައިވާ އިޖާބަ. އަދި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ ތަޢުރީފު ހައްޤު މަސައްކަތްތައް. އެއީ އުންމީދު އައުކޮށްދޭ މަސައްކަތްތަކެއް،" އެޗް.އާރް.ޑަބްލިޔު.ގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމު ވަގުތީ ގޮތުން ފުރުއްވާ ޓިރާނާ ޙަސަން ވިދާޅުވިއެވެ.

އެޗް.އާރް.ޑަބްލިޔު.އިން ވަނީ އިންސާނީ ހައްޤުތަކުގެ ހާލަތާ މެދު އެ ޖަމުޢިއްޔާއިން އެކުލަވައިލާ އަހަރީ ރިޕޯޓު ނެރެފައެވެ. އެ ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ޔޫކްރެއިނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދީފައިވާ އިޖާބައެވެ. އަދި، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ބާކީކޮށްލާފައިވާ ވާހަކައެވެ. އަދ، ޔޫކްރެއިނު ރައްޔިތުންނެކޭ އެއް ފަދައިން އެ މީހުންނާ މެދު ވެސް އަމަލު ކުރުމަށް އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ގޮވައިލާފައިވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ފެބުރުވަރީ 24 ގައެވެ. ހަނގުރާމަ ފެށުމާ އެކު އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައްކާތެރިކަން ހޯދުމަށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އެޗް.އާރް.ޑަބްލިޔު.އިން ބުނީ، 2022 ސެޕްޓެންބަރާ ހަމައަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކޮށްފައިވާ ޔޫކްރެއިން ރައްޔިތުންގެ އަދަދު ހަތަރު މިލިޔަނަށް އަރާ ކަމުގައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

"ވިލާތުގެ ޤައުމުތަކުން ވަނީ ޔޫކްރެއިނުގެ ރެފިޔުޖީންނަށް ހޫނު މަރުޙަބާ ކިޔާފައި،" ޙަސަން ވިދާޅުވިއެވެ. ނަމަވެސް، އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިނުގެ ރެފިޔުޖީންނަށް ވިސާ ދޫކުރުމަށް ދެކޮޅު ހަދާފައެވެ. އަދި، އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއާއި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ދަނީ، ޔޫކްރެއިނުގައި ރަޝިޔާއިން ހިންގަމުންދާ ކަމަށް ބުނާ ޖަރީމާތައް ތަހުޤީޤު ކުރަމުންނެވެ.

"މިއީ ތާރީޚުގައި ވެސް މި ފަދަ ގޮތަކަށް އިންތިޒާމު ކުރެވިގެން ރެފިޔުޖީންނާ މެދު ޤައުމުތަކުން ގުޅިގެން އަމަލުކޮށްފައިވާ ފުރަތަމަ ފަހަރު. ޔޫކްރެއިނު ރެފިޔުޖީންގެ އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދޭން މުޅި ދުނިޔެ ވަނީ އަތުކުރި އޮޅައިލާފައި،" އެޗް.އާރް.ޑަބްލިޔު.ގެ ރިޕޯޓުގައި ލިޔެފައިވެއެވެ.

ނަމަވެސް، މީގެން ދޭހަވާ ހަޤީޤަތަކީ، ތަފާތު ކުރުމުގެ ސިޔާސަތުތަކެއް ކަމުގައި އެޗް.އާރް.ޑަބްލިޔު.އިން ބުނެއެވެ. ޚާއްޞަކޮށް، ސޫރިޔާއާއި އަފްޣާނިސްތާނާއި ފަލަސްޠީނާއި ސޮމާލިޔާގެ ރެފިޔުޖީންނާ މެދު ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތައް ހާމަވެގެން ގޮސްފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. އަދި، އެ މީހުން ބާކީކޮށްލާފައިވާ ކަން ފާހަގަކުރެވޭ ކަމުގައި އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިތިޔޯޕިޔާގެ ޓިގްރޭގައި ހިނގި ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ހަމަނުޖެހުންތަކަށް ދުނިޔޭގެ ކަޅި ހުއްޓިފައި ނުވާ ކަމުގައި ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ވަގުތު އެންމެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައި ވަނީ ޓިގްރޭގެ 22 މިލިޔަން ރައްޔިތުން ކަން ފާހަގަކޮށް، އެ މީހުންނާ މެދު ވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވިސްނައިލަން ޖެހޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.

އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ރަޝިޔާއާއި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރަޝިޔާގެ ފައުޖުތަކުން އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގަމުންދާ ކަމުގައި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އަދި، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ޢިމާރާތްތަކަށް ބެލުމެއް ނެތި ބޮން އަޅަމުންދާ ކަމުގައި ބުނެފައިވެއެވެ.

ރަޝިޔާއިން ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ތެރޭގައި އަނިޔާކުރުމާއި، ގަތުލުކުރުމާއި، ޖިންސީ އަނިޔާދިނުމާއި، މީހުން ގެއްލުވައިލުން ހިމެނޭ ކަމުގައި އެޗް.އާރް.ޑަބްލިޔު.އިން ބުނެއެވެ. އަދި، ރަޝިޔާގެ އަސީރުންނާ މެދު ޔޫކްރެއިނުން ވެސް ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ކަމުގައި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.