މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒްއެވެ.
ފުލުހުން ވިދާޅުވީ 6 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހު ކަމަށެވެ.
ޙަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، ޙަސަން ރަމީޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުންވަނީ އެދިވަޑައިގެންފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުންވަނީ ޝުކުރު އަދާކުރައްވާފައެވެ.