ޚަބަރު

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 2 ނުވަތަ 9ގައި، އާދީއްތަ ދުވަހު އިއުލާން ކުރަނީ


މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 2 ނުވަތަ 9 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ، އިންތިޚާބު އޮންނާނެ ފައިނަލް ތާރީޚު އަންނަ އާދީއްތަ ދުވަހު އިޢުލާންކުރައްވާނެކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެއެވެ. ސަބަބަކީ މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ޢަދަދުތަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ 2 ނުވަތަ 9 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށެވެ. އަދި ފައިނަލް ތާރީޚު އަންނަ އާދީއްތަ ދުވަހު އިއުލާންކުރައްވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު ކުރިއަށްދަނީ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަންކަމަށާއި، އޭގެ ތެރޭގައި އިންތިޚާބަށް ބޭނުންވާ ތަމްރީންތަކަށް ތައްޔާރުވުމާއި، އިންތިޚާބަށް ބޭނުންވާ ލިޔެކިޔުންތަކާއި ވަސީލަތްތައް ހަމަކުރަމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތައް އެންމެ ހަލުވިމިނުގައި ކުރިއަށް ގެންދެވޭނީ އިންތިޚާބީ މައި މަރުކަޒު ތައްޔާރުކުރެވިގެންކަމަށެވެ. މީގެ ކުރިން އިންތިޚާބީ މައި މަރުކަޒަކަށް ބޭނުންކުރަމުން އައި ބައު ޖަމާލުއްދީން ޢިމާރާތް ސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތްކުރުމަށް ނިންމާ އެ މަސައްކަތް ފަށާފައެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބީ މައި މަރުކަޒަކަށް ސަރުކާރާ އިލެކްޝަންސް ކޮމިޝަން މަޝްވަރާކުރުމަށްފަހު ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޢިމާރާތެވެ. ފުއާދު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އަޑުގެ ޢިމާރާތް ލިބޭނެކަމަށް މިހާތަނަށް އަންގާފައިވާކަމަށެވެ.

އަލަށް ވޯޓު ލެވޭ މީހުންގެ ޢަދަދު އިތުރު

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންދާނެ އިންތިޚާބެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 260،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ދިޔަނަމަވެސް، މިފަހަރުގެ އިންތިޚާބުގައި އެ ޢަދަދު 280،000އަށް ވުރެ އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ. މިއީ ކުރީ އިންތިޚާބަށްވުރެ %10 އިތުރު ޢަދަދެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި، 18 އަހަރު ފުރިގެން އަލަށް ވޯޓު ލެވޭ މީހުންގެ ޢަދަދު 20،000އަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް އެ ޢަދަދުތައް ފައިނަލް ވާނީ އިންތިޚާބު ކައިރިވުމުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ތަފާސް ހިސާބުތައް ހިއްސާކުރުމުންކަމަށެވެ.

ފުއާދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ޖުލައި ހިސާބުގައި ހުޅުވާލާނެކަމަށެވެ.

800އެއްހާ ވޯޓު ފޮށި ބަހައްޓާނެ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި 800އެއްހާ ވޯޓުފޮށި ބަހައްޓާނެކަމަށެވެ. ވޯޓު ފޮށި ބަހައްޓާނެ ތަންތަނާއި ގުޅޭ މަޝްވަރާތައް ކުރަމުން އަންނަކަމަށާއި، މިފަހަރުވެސް ރިސޯޓްތަކާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓާނީ 50އަށްވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީކުރާނަމަކަމަށާއި، އެކަމަށްޓަކައި އެއްކުރަންޖެހޭ މަޢުލޫމާތުތައް ޓޫރިޒަމް މިނިސްޓްރިއާއެކު އެއްކުރަމުން އަންނަކަމަށް އީސީން ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓަނީ 150އަށް ވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކުރުމުންކަމަށާއި، އެކަމާއި ގުޅޭ މަޝްވަރާތައް ފޮރިން މިނިސްޓްރީއާއެކު ކުރަމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ. މީގެ އިތުރުން 25 މީހުން ވޯޓު ލާން ރަޖިސްޓްރީކޮށްފި ނަމަ ޖަލުތަކުގައިވެސް ވޯޓު ފޮށި ބަހައްޓަން އެކޮމިޝަނުން ނިންމާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓު ފޮއްޓަކަށް އެންމެ ގިނަވެގެން ވޯޓު ލެވޭނީ 800 މީހުންނަށްކަމަށެވެ. އެ ޢަދަދަށްވުރެ ގިނަ މީހުން ވޯޓުލާން ތިބިނަމަ ދެ ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވިދާޅުވިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި 8000 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށެވެ،

އެންމެ ވާދަވެރި އިންތިޚާބު

މިފަހަރުގެ އިންތިޚާބަކީ މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެ ފޯރި ގަދަ އިންތިޚާބަށް ވުމުގެ ފުރުޞަތު ބޮޑެވެ. އެއީ އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާނެ ރިޔާސީ އިންތިޚާބަށް މި އިންތިޚާބު ވުމުގެ ފުރުޞަތުވެސް އޮތުމުންނެވެ.

މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ ޕާޓީތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު މިމަހު 28ގައި ކަނޑައަޅާނެއެވެ. އެ ކެނޑިޑޭޓް ކަނޑައަޅާނީ އެދުވަހު އޮންނަ އެޕާޓީގެ ރިޔާސީ ޕްރައިމަރީންނެވެ. އެމްޑީޕީން ވާދަކުރައްވާނީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް ނުވަތަ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. ވާދަވެރި ކެމްޕެއިންތަކެއް ދެބޭފުޅުންވެސް ގެންދަވަނީ ކުރައްވަމުންނެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ވާދަކުރައްވާނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓް ވަނީ އެމަނިކުފާނަށް އަރުވާފައެވެ. އެންމެ ފުރަތަމަ ރިޔާސީ ޓިކެޓް ޕާޓީއަކުން އެރުވި ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވު ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާތީ އެމަނިކުފާނު މި އިންތިޚާބުގައި ވާދަކުރެއްވޭނެކަމާމެދު އަދިވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމީންކަމަށެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު ވެސް ވަނީ އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި، އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިން އާއި، ޑރ.ޢަބްދުﷲ ޝިހާމް ފަދަ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެ ސޯޝަލް މިޑިއާގައި އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުވެސް ދެ ކެނޑިޑޭޓުންނަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކޮށްފިނަމަ ދެވަނަ ބުރެއް ބާއްވަން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބޮޑަށް ބުރަވެއެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ދެ ކެނޑިޑޭޓުންނަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވައިގެން ދެވަނަ ބުރެއް ބާއްވަން ޖެހިފައިވުމެވެ.