ޚަބަރު

ރިތިކް އާއި ސަބާ ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް


ބޮލީވުޑް ތަރި ރިތިކް ރޯޝަނާއި ސަބާ އާޒާދު މި އަހަރު ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ދެ މީހުންގެ ގުޅުން މިހާރު ސިއްރެއް ވެސް ނޫނެވެ. 49 އަހަރުގެ ރިތިކް، ގެ އާއިލާގެ ރުހުން ވެސް ސަބާ، އަށް ވަރަށް ބޮޑަށް ލިބިފައިވާ އިރު، ރިތިކްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނާއި ކުރީގެ އަންހެނުން ސުޒާން ޚާނާއި ސަބާގެ ގުޅުން ވެސް ވަރަށް ރަގަޅެވެ.

ރިތިކާއި ސުޒާން ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. އަދި ކައިވެނި ރޫޅައިލީ 2014 ވަނަ އަހަރުއެވެ. ކައިވެންޏަށް ލިބިފައިވާ ދަރިންނަކީ ރިހާން ރޯޝަން، 16، އާއި ރިދާން ރޯޝަން، 14، އެވެ.

ރިތިކާއި ސަބާގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ 2021 ގެ ތެރޭގަ އެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އިންސްޓަގްރާމްގައި އެ ގުޅުން ރަސްމީކޮށްފައިވެ އެވެ. މީޑިއާތަކުން ބުނީ ރިތިކާއި ސަބާ މިހާރު ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ މި އަހަރު ކައިވެނި ވެސް ކުރަން ނިންމާފައިވެއެވެ. އެކަމަކު އަވަސް އަރުވާލައިގެން ކައިވެނިކުރަން ބޭނުން ނުވާ ކަމަށާއި އެކަމަކު މި އަހަރު ނިމުމުގެ ކުރިން އެ ދެ މީހުންގެ ކައިވެނި ފެނުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށް އެ މީހުންގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" އަށް ފަހު ރިތިކް މިހާރު އަންނަނީ މި މަހުގެ 25 ގައި ރިލީޒްކުރާ ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އާ ފިލްމު "ފައިޓާ" ގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާއަކީ ވެސް ދީޕިކާއެވެ.

ރިތިކްގެ ބައިވެރިޔާ ސަބާ އަކީ މާ މަޝްހޫރު ނޫން ނަމަވެސް ބަތަލާއެއް އަދި ލަވަކިޔުންތެރިއެކެވެ.