ޚަބަރު

މިފަހަރުގެ ޙައްޖު، ކުރިން އޮތް އަދަދަށް ވަކި އުމެރެއްވެސް ނެތް


ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެކަން ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ. 2019ގެ ފަހުކޮޅު މުޅި ދުނިޔެ ކުރިމަތިލި ކޯވިޑާއި ގުޅިގެން ޙައްޖަށް މީހުން ގެންދަމުން އައި އަދަދަުތަކަށް ބަދަލު ގެނައުމަށްފަހު މީ އަލުންް އެއްކޮށްް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު (1440 ވަނަ އަހަރު) ޙައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވިއެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ. އެއީވެސް ސައުދީގައި ދިރިއުޅެމުން އައި މީހުންނެވެ.

އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ހަމައެކަނި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 60000 މީހުންނަށެވެ. ނަމަވެސް އެއަހަރު ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދުވެސް އެއަށްވުރެ މަދެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްް ބޮޑެތި ލުއިތަކަށް ދިނުމަށްފަހު މިދިޔަ އަހަރުގެ ޙައްޖުގައި އަޅުކަމުގައި 1 މިލިއަން މީހުން ސައުދީންް ބައިވެރިކުރިއެވެ. ޤައުމުތަކަށްް ކޯޓާއި ދިންނަމަވެސް އޭގެ ކުރިން ދޭ އަދަދު އެތައް ތަނެއް މިދިޔަ އަހަރު ކުޑަކުރިއެވެ.

ސައުދީ ސަރުކާރުން ބުނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދާނީ ކޯވިޑްގެ ކުރިން އޮތް ގޮތަށް އެ އަދަދުތަކާއި އެކުކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ޙައްޖަށް ފުރުސަތު ދޭނީ ސިދާ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް އަދި ސައުދީއަކުން ހާމައެއް ނުކުރެއެވެ.

މި އަހަރު ޙައްޖުގައި ބައިވެރިވުމަށް ވަކި އުމެރެއް ނޯންނާނެކަމަށާއި ކޯވިޑަށްް ޓެސްޓްކޮށް ސާމްޕަލްތައް ހެދުންވެސް ނޯންނާނެކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ރާއްޖޢަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. މި ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.