މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާއިރު އެފައިސާ ޚަރަދުނުކޮށް މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރުމަށް ފަންޑް ހޯދުމުގެ ހަރަކާތެއް ބާއްވާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީ ކޮންމެ އަހަރަކަށްވެސް ވަކި ބަޖެޓެއް ކަނޑައަޅައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު އެމަސައްކަތް ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެކަމަށެވެ. އަދި ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުވެސް އެފާއިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އަދި 2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކުރުމަށް ފަހު ހިނގާ ބިލްތައް މިނިސްޓްރީއަށް ހުށައެޅުމުން އެބަޖެޓުން ފައިސާ ހަމަޖެހޭނެކަން އަންގާފައިވީ ނަމަވެސް ސިޓީ ކައުންސިލުން މިދިޔަ އަހަރުވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިވީ 3 އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކޮށްފައިވާއިރު އެފައިސާގެ ބޭނުން ނުކޮށް މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ބުނެ ފަންޑް ރެއިޒިން އިވެންޓެއް ބާއްވާތީ ކަންބޮޑުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގައި ހުރި މިސްކިތްތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރަންޖެހޭނަމަ މިނިސްޓްރީއިން ދޭ ބަޖެޓުގެ ތެރެއިން އެމަސައްކަތް ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. މިވޭތުވެދިޔަ 3 އަހަރު ތެރޭގައި މާލޭގެ މިސްކިތްތަކުގެ އެފަދަ އެއްވެސް މަސައްކަތެއް ކުރިކަން މާލެ ސިޓީ ކައުންސިލުން އެއްވެސް ގޮތަކަށް އިސްލާމިކް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.