ޚަބަރު

ޗައިނާ ދަތުރުވެރިންނާ ދެކޮޅަށް ޤައުމުތަކުން ފިޔަވަޅު އަޅާތީ އެއަރލައިންތަކުގެ ނުރުހުން


ޗައިނާއިން ފުރައިގެން ދަތުރުކުރާ މީހުންނާ ދެކޮޅަށް ބައެއް ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ވައިގެ އުދުހުންތަކާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ (އިޔާޓާ)އިން އެ ޤައުމުތަކަށް ފާޑުކިޔައިފިއެވެ. މި ކަމާ ގުޅޭ ގޮތުން އިޔާޓާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ބައެއް ޤައުމުތަކުން އަޅާފައި ވަނީ ބޭނުންތެރިކަމެއް ނެތް ފިޔަވަޅުތަކެއް ކަމުގައެވެ.

ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ބައެއް ޤައުމުތަކުން ފިޔަވަޅުތަކެއް އަޅާފައި ވަނީ އެ ޤައުމުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެންނެވެ. ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާއިން ފުރައިގެން އަންނަ ފަތުރުވެރިން ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން މަޖުބޫރު ކުރުވުން ހިމެނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، އިޓަލީ ވިލާތް، ސްޕެއިން، ޤަޠަރު، އިސްރާޢީލް، އަދި އިންޑިޔާގެ އިތުރުން ޗައިނާގެ އަވަށްޓެރިން ކަމުގައިވާ ދެކުނު ކޮރެޔާއާއި ތައިވާނާއި ޖަޕާނު ވެސް ހިމެނެއެވެ.

ޗައިނާއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް 2022 ޑިސެންބަރު 7 ވަނަ ދުވަހުން ފެށިގެން އުވައިލާފައެވެ. އެއަށްފަހު، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށިއެވެ. އަދި އެތަކެއް ހާސް ބަޔަކަށް ބަލި ޖެހެމުން ދިޔައެވެ. އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމަށް ބުނެވުނު ނަމަވެސް ޗައިނާއިން ދަނީ އެ ކަން ދޮގު ކުރަމުންނެވެ.

"ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ނަތީޖާއެއް ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ނޫން. އެއީ، އެ ޤައުމުތަކުން އަވަސްއަރުވައިލައިގެން ނިންމާފައިވާ ނިންމުންތަކެއް. މި ފަދަ ފިޔަވަޅުތަކާ އެކު ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވޭ ކަން ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ ހާމަވެފައި،" އިޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިލީ ވޮލްޝް ވިދާޅުވިއެވެ.

އިޔާޓާއަކީ 300 އެއަރލައިންގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާއެކެވެ. އަދި، ވައިގެ އުދުހުންތަކުގެ 83 އިންސައްތަ ހިއްސާކުރަނީ އެ ޖަމުޢިއްޔާގެ މެންބަރު އެއަރލައިންތަކުންނެވެ. އެ ޖަމުޢިއްޔާއިން ބުނީ، ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުގެ އެތެރޭގައި މިހާރުވެސް ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ކަމުގައެވެ.

"ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރުމަކީ އޮމިކްރޯން ވޭރިއެންޓް ފެތުރުން ހުއްޓުވޭނެ ގޮތެއް ނޫން ކަން ދިރާސާތަކުން އެއޮތީ ފެންނަން. ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެޅޭނެ އެއަށްވުރެ ހަރުދަނާ ފިޔަވަޅުތައް ހުންނާނެ. ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުން ވައިގެ އުދުހުންތަކުގެ ސިނާއަތަށް މާލީ ގެއްލުންތަކެއް ލިބުމާއި، އިޤުތިޞާދުތައް ހީނަރުވުމާއި، ވަޒީފާތައް ގެއްލުން ނޫން އިތުރު ކަމެއް ނުވާނެ،" ވޮލްޝް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ޤައުމުތައް ފުރަބަންދު ކުރުމާ އެކު ވައިގެ އުދުހުންތަކުގެ ސިނާއަތް ހުއްޓުމަކަށް އައިސް، އެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް، 2020 ވަނަ އަހަރާއި އަޅައިބަލާއިރު 2022 ވަނަ އަހަރުގެ ތެރޭގައި ވައިގެ އުދުހުންތަކުގެ އަދަދު ވަނީ 70.6 އިންސައްތައަށް އިތުރުވެފައެވެ.

ޗައިނާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާފައިވާއިރު، އެ ޤައުމަށް އެތެރެވާ އިރު ކުރަން ޖެހޭ ކަރަންޓީނު ވެސް ޖަނަވަރީ 7 ވަނަ ދުވަހުން ފެށިގެން ހުއްޓައިލާނެއެވެ. އެއާއެކު، ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ބޭރު ޤައުމުތަކަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ފިޔަވަޅުތައް އުވައިލުމާ އެކު އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް ގިނަވެ، ހޮސްޕިޓަލުތައް މިހާރު ވަނީ ފުރިފައެވެ. އެ ޤައުމުގެ ބޮޑެތި ރަށްތަކުގައި ދުވާލެއްގެ މައްޗަށް ބައި މިލިޔަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި، މި އަހަރުގެ ތެރޭގައި ޗައިނާއިން މި ބަލީގައި މިލިޔަނަކަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.