ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ސަބަބުން ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ.އަލިފުށީގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފުއްދައިދީ، އެމީހުންގެ ޙައްޤުތައް ލިބިދެވޭނެ ޚާއްޞަ އިންތިޒާމުތަކެއް، ދައުލަތުގެ ފަރާތުން ހަމަޖައްސައިދިނުމަކީ، ހަމައެކަނި އިޖުތިމާޢީ ޢަދާލަތާ ގުޅިފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރެދާނެ. ނަމަވެސް، އެއީ މުޅިން ނުކުޅެދޭ މީހެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެފަދަ ކޮންމެ މީހެއްގެ ކިބައިގައިވެސް، މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ އެހެން ކުޅެދުންތެރިކަމެއް ހުރެދާނެ. އަދި އެއީ، ބައެއް ކަންކަމުގައި، އެހެން މީހުންނަށްވުރެ މާ ޤާބިލް މީހަކަށްވެސް ފަހަރެއްގައި ވެދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިފްތިތާޙްކުރެވިގެންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތުގެ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުންކަމަށްވެސް ރައީސް ވިދާޅުވިިއެވެ.
ރައީސް ވިދާޅުވީ މި ދަފްތަރުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެން ދިޔުންކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލެވިގެންދާނެކަމަށާއި އޭގެ ސަބަބުން އެއިން ކޮންމެ މީހެއްގެ ޙާލަތު ވަކިން ފާހަގަކުރެވޭނެކަމަށާއި އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ޚިދުމަތްތައްވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދަފްތަރު ޤާއިމުކުރުމުގެ އަނެއް ބޭނުމަކީ، ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ މަޢުލޫމާތުތައްވެސް، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް، ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިޔުން. ޤާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުން، މި ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، މި ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި މި ގެނެވޭ ބަދަލު އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ހާމަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށް އެބަގެންދާކަމަށެވެ. އަދި ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްވެސް މެދުކެނޑުމެއްނެތި މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދަފްތަރުގެ ސަބަބުންވެސް، މި އެހީތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާވެ، ޚިދުމަތް ދިނުން އެތައް ގުނައެއް ފަސޭހަވެގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.