ޚަބަރު

ޔަހޫދީންގެ ވަޒީރެއް އަޤްޞާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކޮށްފި


ޔަހޫދީންގެ ދަޢުލަތުގެ ޖައްބާރު ވަޒީރެއް ކަމުގައިވާ އިތަމާރް ބެން-ގުވީރު މުސްލިމުންގެ މުޤައްދަޞް ބިމުގައިވާ މަސްޖިދުލް އަޤްޞާއަށް ގޮސް، މުސްލިމުންނަށް ފުރައްސާރަކޮށް، މުޅި މުސްލިމް އުންމަތް ރުޅިއަރުވާލައިފިއެވެ. ބެން-ގުވީރަކީ ހަރުކަށި ފިކުރައް ތާޢީދުކުރާ މީހެކެވެ. އޭނާއަކީ ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުގެ އައު ސަރުކާރުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރެވެ.

ބެން-ގުވީރު މަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރުމުން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވަނީ އޭނާއަށް އިންޒާރު ދީފައެވެ. އޭނާގެ ދަތުރަކީ، ނުރައްކާތެރި "ރަތް" ރޮނގެއް ހުރަސްކުރުން ކަމުގައި ހަމާސްއިން ސިފަ ކުރިއެވެ. މި އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން ބެން-ގުވީރު ބުނީ، ހަމާސްގެ އިންޒާރުތަކަށް އޭނާ ނުސިހޭނެ ކަމުގައެވެ.

މަސްޖިދުލް އަޤްޞާ ހުންނަ ޓެމްޕްލް މައުންޓަކީ ޔަހޫދީންނަށް ވެސް މުހިންމު ތަނެއްގެ ގޮތުގައި ސިފަކޮށް ބެން-ގުވީރު ބުނީ، އެ ތަނަށް ޔަހޫދީންނަށް ވަނުމުގެ ފުރުޞަތު ދިނުން ހުއްޓައި ނުލެވޭނެ ކަމުގައެވެ. އަދި، އެ ތަނަށް ވަންނަ ޔަހޫދީންނަށް އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބެން-ގުވީރުގެ ދަތުރާ ގުޅިގެން މި ކަމާ މެދު އެންމެ ފުރަތަމަ ނުރުހުން ފާޅުކޮށްފައި ވަނީ އުރުދުނުންނެވެ. އެ ޤައުމުން ބުނީ، ބެން-ގުވީރުގެ ދަތުރާ ގުޅިގެން އެ ތަނުގެ ސުލްޙަމަސަލަސްކަން ގެއްލުމުގެ ފުރުޞަތު އިތުރުވެފައިވާ ކަމުގައެވެ. އަދި، އޭނާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑާފައިވާ ކަމުގައި، އެ ތަން ބަލަހައްޓާ އުރުދުންގެ ވަޤްފު އިސްލާމިކް އެފެއާޒް ކައުންސިލުން ބުންޏެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސިނާން މަޖާލީ ވެސް ވަނީ ބެން-ގުވީރުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، މިއީ އެ ސަރަޙައްދުގެ ހަމަޖެހުން ނަގައިލުމުގެ އަމާޒުގައި ބެން-ގުވީރު ހިންގާފައިވާ ފިނޑި އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ބެން-ގުވީރު ވަނީ މަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކޮށްފައެވެ.

ޔަހޫދީންގެ ދަޢުލަތުގެ ކުރީގެ އިދިކޮޅު ލީޑަރު އާރިއެލް ޝެރޯން ވެސް ވަނީ 2000 ވަނަ އަހަރު އަޤްޞާއަށް ޒިޔާރަތް ކޮށްފައެވެ. އަދި، އެ ހާދިސާ ގުޅިގެން ފަލަސްޠީނުގެ މުސްލިމުން ޔަހޫދީންގެ ޖައްބާރު ދަޢުލަތާ ދެކޮޅަށް އިންތިފާޟާއަށް ތެދުވިއެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް 2005 ވަނަ އަހަރާ ޖެހެންދެން އެ އިންތިފާޟާ ކުރިއަށް ގެންދިޔައެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ބެން-ގުވީރުގެ ދަތުރު ކުށްވެރިކޮށްފައެވެ. އެ ވުޒާރާއިން ވެސް ބުނީ، ބެން-ގުވީރުގެ އަމަލުތަކާ އެކު އެ ސަރަޙައްދުގެ އަމަން ގެއްލޭނެ ކަމުގައެވެ. ހަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ބާސިމް ނަޢީމް ވެސް ބުނީ، ބެން-ގުވީރުގެ އަމަލުތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ސުލްޙަމަސަލަންކަން ގެއްލޭނެ ކަމުގައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ހާޒިލް ޤައްސާމް ބުނީ، ބެން-ގުވީރު ކޮށްފައި ވަނީ މަޢާފު ނުކުރެވޭ ވަރުގެ ކުށެއް ކަމުގައެވެ.

ބެން-ގުވީރުގެ ދަތުރަށް އިސްރާޢީލުގެ އެތެރެއިން ވެސް ވަނީ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައެވެ. ޔަހޫދީންގެ ދަޢުލަތުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިދު ބުނީ، ބެން-ގުވީރު އަޤްޞާއަށް ދިޔުމަށް ހުއްދަ ދިނުމަކީ، ޔަހޫދީންގެ ސަރުކާރުގެ ނާގާބިލުކަން ދޭހަކޮށްދޭ އަމަލެއް ކަމުގައެވެ. އަދި، އޭނާ ވަނީ އައު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ނަތަންޔާހޫއަކީ އެއްވެސް ހިންގުންތެރިކަމެއް ނެތް ފަރުވާކުޑަ މީހެއް. ނަތަންޔާހޫ ފަދަ ހިންގުންތެރިކަމެއް ނެތް ފަރުވާކުޑަ ވެރިއެއްގެ ސަރުކާރުގައި މިފަދަ ނާތަހުޒީބު އަމަލުތައް ހިނގާނެ،" ލަޕިދު ވިދާޅުވިއެވެ. ނަތަންޔާހޫގެ ސަރުކާރަކީ، ޔަހޫދީންގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ.

ޢަރަބި ޤައުމުތަކުގެ އިތުރުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ބައެއް ޤައުމުތަކުން ވެސް ވަނީ ބެން-ގުވީރަށް ފާޑު ކިޔާފައެވެ. މީގެ ތެރެއިން އެއް ޤައުމަކީ ޖަރުމަނު ވިލާތެވެ. އެ ޤައުމުން ބުނީ، އަޤްޞާގެ ސުލްޙަމަސަލަސްކަން ނަގައިލަން ބެން-ގުވީރު ކުރި މަސައްކަތްތައް ކުށްވެރިކުރާ ކަމުގައެވެ.

"ޤުދުޞްގެ މުޤައްދަސް ބިންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެ ތަނުގެ ސުލްޙަމަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރުމަށް އިސްރާޢީލުގެ އައު ސަރުކާރަށް ގޮވައިލަން. އަދި، އެ ކަމަށް ހުރަސް އެޅޭ ފަދަ ހުރިހާ އަމަލުތަކެއް ހުއްޓައިލަން ގޮވައިލަން،" ޖަރުމަނު ވިލާތުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.