ޚަބަރު

ވިއެޓްނާމްގައި ވަޅަކަށް ވެއްޓުނު 10 އަހަރުގެ ކުއްޖެއް ސަލާމަތްކުރަން މަސައްކަތްކުރަނީ


ވިއެޓްނާމްގެ ޑޮންގް ތަޕް ޕުރޮވިންސުގައި ބުރިޖެއް އެޅުމުގެ މަޝްރޫޢެއްގެ ތެރެއިން ބިމަށް ޖަހާފައިވާ 35 މީޓަރު ފުން ކޮންޓްރީޓް ހޮޅިއެއްގެ ތެރެއަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން އެބަދެއެވެ. އުމުރުން 10 އަހަރުގެ ތައި ލީ ހާއޯ ނަމް ކިޔާ މި ކުއްޖާ ހޮޅީގެ ތެރެއަށް ވެއްޓުނީ 2022 ޑިސެންބަރު 31 ވަނަ ދުވަހުއެވެ. އޭނާ ސަލާމަތް ކުރެވޭތޯ ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެ ކުއްޖާ ކޮންސްޓްރަކްޝަން ސައިޓަށް ވަދެފައި ވަނީ ކުނި ހޮވުމުގެ ބޭނުމުގައެވެ. އޭނާ ވެއްޓުނު ކޮންކްރީޓުން ހަދާފައިވާ ހޮޅީގެ ފުޅާމިނަކީ އެންމެ 12 އިންޗިއެވެ. އޭނާ ސަލާމަތް ކުރެވޭތޯ ކުރަމުންދާ މަސައްކަތުގައި ވިއެޓްނާމްގެ ސިފައިންނާއި އިންޖިނޭރުންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭނާ ދިރިހުރިކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާރު މަސައްކަތް ކުރަމުން ދަނީ، ކުއްޖާ ވެއްޓިފައިވާ ކޮންކްރީޓް ހޮޅިއަށްވުރެ ފުޅާ ދަގަނޑު ހޮޅިއެއް، ކޮންކްރީޓް ހޮޅީގެ ވަށައިގެން ބިމަށް ޖެހުމަށެވެ. އަދި، އެއަށްފަހު، ދެ ހޮޅީގެ ދެމެދުގައިވާ ކިސަޑާއި ފަސް ނެގުމަށް ފަހު، ކޮންކްރީޓް ހޮޅި ބިމުން ނެގުމަށް މަސައްކަތް ފަށާނެ ކަމުގައި މި ކަމުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެއެވެ.

މި މަސައްކަތުގައި 100 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުން ދާއިރު، އެ ސަރަޙައްދު ވަނީ ޢާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. ހޮޅީގެ ތެރޭގައި ތާށިވެފައިވާ ކުއްޖާ، އެ ތަނަށް ވެއްޓުނު ވަގުތު ގިނަ އަނިޔާތަކެއް ލިބިފައިވާނެ ކަމަށް ޞިއްޙީ އޮފިޝަލުން ލަފާކުރެއެވެ. އޭނާ ދިރިހުއްޓާ ސަލާމަތް ކުރެވިދާނެ ކަމުގެ ފުރުޞަތު ވަރަށް ކުޑަ ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.