ޚަބަރު

ގެއްލިގެން ހޯދަނިކޮށް، ގޮތް ނޭނގޭ ހަށިގަނޑެއް: މަރުގެ ތުހުމަތާއެކު ހުރިހާ އިނގިޔެއް ނިޒާމަށް


މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު ފުލުހުން އާންމުކޮށް އިއުލާންކުރީ ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ދެ މީހަކު ގެއްލިގެންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުރި އެ ބޯޓުގައި ތިބީ ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްއާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ދެމީހުން ވެސް ހޯދުމަށް ފުލުހުން އިއުލާންކުރި އިރު، އެ މީހުން އެންމެ ފަހުން ފެނުނުތަނެއް ކަމަށް އާންމުކުރީ ޑިސެމްބަރ 29 ވަނަ ދުވަހު އެއަރޕޯޓު ނެރުކައިރިންނެވެ. އޭރުވެސް ބޯޓު ފެނިފައި ވަނީ އޮޔާދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ބޯޓުގައި ތިބި މީހުންގެ އެއްވެސް ޚަބަރެއް ނެތެވެ. އެ ދެމީހުން ހޯދަން ފަށައިގެން ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މުޅިން އިވެނީ ގޮތް ނޭނގޭ ވާހަކަތަކެކެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުތަކާއި، ގޮތް ނޭނގޭ ތެލެވެ. ހުރިހާ ކަމެއް ގޮސް ވަށާ ޖެހެނީ ނިޒާމާ ހަމައަށެވެ.

ގޮތް ނޭނގޭ ތެޔޮ

ތެޔޮ ބޯޓެއްގައި ފުރި އެ ދެމީހުން ގެއްލިގެން އިއުލާންކުރިތާ ދެވަނަ އަށް ވީ ދުވަހު މާލޭ ފަޅު ތެރެ ފުރާލީ އައި ދިމާއެއް ނޭނގޭ ކަޅު ތެލުންނެވެ. ގާތްގަނޑަކަށް 15 ފީފާ ތެޔޮ މާލޭގެ އިއްޒުއްދީން ފާލަން ނުވަތަ މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދަށް އެޅި ފުރިފައި އޮތް އިރު ފުލުހުންނަށް އެތަން ސާފުކުރެވުނީ 3 ދުވަހުގެ މަސައްކަތުންނެވެ. ނަމަވެސް އަދިވެސް އެއީ ކިހިނެތް އެތަނަށް އެޅުނު ކޮން ތެލެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި އެ މައުލޫމާތެއް ނުވެސް އެނގެއެވެ.

އެކަމަކު ގެއްލިގެން ހޯދަމުންދިޔަ ތެޔޮބޯޓު ފުރި ދިމާލާ އޮޔާ ދަނިކޮށް ފެނުނު ސަރަހައްދާއި، އެ ހިސާބުގެ އޮއިވަރަށް ބަލައި އެ ތެލަކީ އެ ބޯޓުން ފައިބާފައިވާ ތެޔޮ ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. އަދި އެގޮތަށް ގަބޫލުކުރާ މީހުން ވެސް ގިނައެވެ.

ކަނޑުމަތިން ހަށިގަނޑެއް

މި މަހުގެ ދެވަނަ ދުވަހު ދެން އިވުނީ ވ.އަތޮޅު ކަނޑުމަތިން ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ހަށިގަނޑެއް ފެނުނު ޚަބަރެވެ. ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ފޮޓޯތަކަށް ބަލާއިރު އެ ހަށިގަނޑު އޮތީ މަރުވެ ފޯވެގެން މައްޗަށް އަރާފައެވެ. މޫދުގައި އެ ހަށިގަނޑު އޮތީވެސް ބަންޑުންނެވެ.

މަރުވެފައި އޮންނަ މީހަކު މޫދަށް އެއްލާލައިފި ނަމަ އެމީހާ ފުރަތަމަ ދާނީ އަޑިއަށެވެ. ފޯވެގެން އެމީހާ މައްޗަށް އަރަން ތިން ދުވަސް ނުވަތަ ހަތަރުދުވަސް ނަގާނެއެވެ. ވ.އަތޮޅަކީ މާލެ އާ ދެކުނުން އެންމެ ފުރަތަމަ އޮންނަ އަތޮޅަށް ވާއިރު، އެ ބޯޓުގެ ދަތުރާއި މިސްރާބު ހުރި ގޮތާއި އިރުވައި މޫސުމުގައި އޮއިވަރު ހުރި ގޮތަށް ބަލައި ވ. އަތޮޅާ ދިމާ ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ގެއްލުނު ލިޓަންގެ ހަށިގަނޑަށް ވުމުގެ ފުރުސަތު ބޮޑެވެ.

އެހިސާބުން ސުވާލު އުފެދެނީ ނިޒާމް ކޮބައިކަމާ މެދުގައެވެ. އޭނާ އާއި ބޯޓު ކޮބާކަމާ މެދުގައެވެ.

ނިޒާމް މާލޭގައި، ކަމެއް ވީހެން ހީވެސް ނުވޭ

ލިޓަން ކަމަށް ބެލެވޭ ހަށިގަނޑު ވ. އަތޮޅު ކަނޑުމަތިން ފެނުނު ދުވަހުގެ ހަވީރު ނާޒިމް ފެނުނީ މާލެއިންނެވެ. ކަމެއްވީކަން އޭނާއަށް ނުވެސް އެނގެއެވެ. އޭނާ މާލޭގައި ހުރިކަން އެނގުނީ ވެސް ސޯޝަލް މީޑިއާގައި އާންމުންގެ މީހާކު އޭނާ ފެނިއްޖެ ކަމަށް ބުނެ އެކުގައި ސެލްފީއެއް ނަގާފައި ކުރި ޕޯސްޓަކުންނެވެ. އެމީހާ ބުނިގޮތުގައި ނިޒާމް ވަނީ ފުލުހަށް ވެސް ގޮސްފައެވެ. އަދި އޭނާ ހޯދާ ކަމެއް ނުވެސް އެނގެނީއެވެ.

އޭގެ ފަހުން ފުލުހުން އޭނާ އަންގާރަ ދުވަހު ހައްޔަރުކުރީ މަރުގެ ތުހުމަތުގައެވެ. އަދި މާލެއިން އޭނާ ފެނުނު މީހާ އޭނާއާ ހަވާލާދީ ދައްކާ ވާހަކަތައް ފުލުހުން ދޮގުކުރާއިރު އޭނާގެ މައްޗަށް ތުހުމަތުކުރަނީ ކޮން މަރެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު 60 ދުވަހަށް ޖަހާފައިވާއިރު ތެޔޮ ބޯޓު ގެއްލުމާއި، މާލެ ފަޅުން ފެނުނު ތެލާއި ކަނޑުމަތިން ފެނުނު ހަށިގަނޑާ، މިހުރިހާ ސުވާލެއްގެ ޖަވާބެއްގެ ގޮސް ހުއްޓެނީ ނިޒާމް އަށެވެ.