ޚަބަރު

ކޮވިޑް ޓެސްޓު ހަދަން މަޖުބޫރު ކުރުވާތީ ޗައިނާގެ ނުރުހުން


ޗައިނާ ރައްޔިތުން ބައެއް އެހެން ޤައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓުކުރަން މަޖުބޫރު ކުރުވަމުންދާތީ ޗައިނާއިން އެ ކަމާ ނުރުހުން ފާޅުކޮށްފިއެވެ. ޗައިނާއިން ފުރައިގެން ދަތުރުކުރާ މީހުން އެތެރެވުމުގެ ކުރިން ޕީ.ސީ.އާރް. ޓެސްޓު ހެދުމަށް މަޖުބޫރު ކުރުވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ކެނެޑާގެ އިތުރުން ފަރަންސޭސި ވިލާތާއި ޖަޕާނު ވެސް ހިމެނެއެވެ.

އެ ޤައުމުތަކުން މި ގޮތަށް އަމަލުކުރަން ނިންމާފައި ވަނީ ޗައިނާގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ޗައިނާއިން ވަނީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އުވައިލާފައެވެ.

"ޗައިނާ ރައްޔިތަކަށް ވީތީ ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އިންސާފުވެރިކަމެއް ވެސް ނޫން. ސައިންޓިފިކް ގޮތުން ވިސްނާއިރު، މިއީ ހަމަޖެހޭ ކަމެއް ވެސް ނޫން،" ބައެއް ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.

ނަމަވެސް، ޗައިނާގައި ކޮވިޑް ފެތުރެމުންދަނީ ކޮންޓްރޯލް ކުރަން ދަތި ހަލުވި މިނެއްގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި ޞިއްޙީ ދާއިރާގެ މާހިރުން ދަނީ ބުނަމުންނެވެ. އަދި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މި އަހަރުގެ ތެރޭގައި އެ ޤައުމުން މިލިޔަނަކަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެދާނެ ކަމުގެ އިންޒާރު ވެސް މާހިރުން ވަނީ ދީފައެވެ.

ބަލި ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ޗައިނާގެ ގިނަ ސަރަޙައްދުތަކުގެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. އަދި، އެނދުތައް ފުރި، ހޮސްޕިޓަލުތަކުގެ ހުރިހާ ޖާގައެއްގައި ބަލި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގެ ކޮވިޑާ ބެހޭ ޓާސްކްފޯހުގެ އިސް ޑޮކްޓަރެއް ކަމުގައިވާ ޗެން އެރްޒެން ވިދާޅުވީ، އެ ރަށުގެ އާބާދީގެ 70 އިންސައްތަ މީހުންނަށް މި ވަގުތު ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. ޝެންގްހާއީއަކީ 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބޮޑު ސިޓީއެކެވެ.

ޝެންގްހާއީއާ އިންވެގެން އޮންނަ ޒެޖިއާންގް ޕުރޮވިންސުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އަރާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. އެރްޒެން ވިދާޅުވީ، ޝެންގްހާއީގައި ދުވާލެއްގެ މައްޗަށް 1,600 އަށްވުރެ ގިނަ މީހުން އެޑްމިޓް ކުރަމުންދާ ކަމުގައެވެ. އަދި، އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ހުސްވި އަހަރުގެ އޭޕްރިލް މަހު ވެސް ޝެންގްހާއީގައި ހަލުވިކަމާ އެކި ބަލި ފެތުރި، 600,000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. ޝެންގްހާއީގެ އިތުރުން މި ވަގުތު އެންމެ ހަލުވި ދުވެލީގައި ބަލި ފެތުރެމުންދާ ރަށްތަކުގެ ތެރޭގައި ވެރިރަށް ބެއިޖިންގް، ޓިއާންޖިން، ޗޮންކިންގް އަދި ގުއަންގްޒޫ ހިމެނެއެވެ. މި ވަގުތު ފެތުރެމުން ދަނީ ހަލުވިކަމާ އެކު ފެތުރޭ ވައްތަރެއް ކަމުގައިވާ އޮމިކްރޯން ވޭރިއެންޓްއެވެ.

ޗައިނާގައި ކޮވިޑްގެ ހާލަތު މި ގޮތުގައި އޮތް ނަމަވެސް، ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެ ޤައުމަށް އެތެރެވުމާ މީހުން ފުރިހަމަކުރަން ޖެހޭ ކަރަންޓީނު އުވައިލާފައެވެ. މިއާއެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ، ބޭރު ޤައުމުތަކަށް ދަތުރު ކުރަން ފަށާފައެވެ. އަދި، ކުރިއަށް އޮތީ ޗައިނާގެ އައު އަހަރުކަމަށް ވުމާއެކު، އެ ޤައުމުން ބޭރަށް ދަތުރު ކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.