ވިލިމާލެއިން ގެއްލިގެން، ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން ފެނިފައިވަނީ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްކަމަށެވެ. އޭނާ ފެނިފައިވަނީ ގެސްޓް ހައުސްއަކުންކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭނާގެ އިތުރުން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޢުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށްކިޔާ މީހަކުވެސް ފުލުހުން ދިޔައީ ހޯދަމުންނެވެ. އެހެންނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ.
އަޕްޑޭޓް:
— Maldives Police (@PoliceMv) January 3, 2023
ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (45އ) މިއަދު ވަނީ ފެނިފަ. އޭނާ ފެނިފައިވަނީ މާލެ، ގެސްޓް ހައުސް އަކުން. އޭނާގެ ހާލު ރަނގަޅު. https://t.co/XvwUEax49Y
މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދިޔަ ދެ މީހުން ގެއްލިގެންކަމަށް ބުނެ ފުލުހުންނަށް ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު އެއަރޕޯޓު ނެރުކައިރިން އޮޔާދަނިކޮށް އެ ތެޔޮ ބޯޓު ފެނިފައިވާކަމަށް ފުލުހުންނަށް ވަނީ ޖެނުއަރީ 2 ވަނަ ދުވަހު މަޢުލޫމާތު ލިބިފައެވެ.
މިކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރިއިރު މިމައްސަލައިގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިއްޔެ ވަނީ ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައެވެ. ފުލުހުން ދަނީ އެ މައްސަލަވެސް ބަލަމުންނެވެ.