ޚަބަރު

ބޫމިންގ ބޭނުންކޮށްގެން މާލެ ފަޅުތެރެއަށް އެޅިފައި ހުރި ކަޅު ތެޔޮތައް ސާފުކުރަނީ


ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮތައް ބޫމިންގ ބޭނުންކޮށްގެން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ ޢަދަދެއްގެ ކަޅުތެޔޮ އެޅުމާއި ގުޅިގެން، މޫދުން ކަޅު ތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ކަޅުތެޔޮތައް ބޫމިންގ ބޭނުންކޮށްގެން، ނެގުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މި މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލުން ޙަރަކާތްތެރިވަމުންދާކަމަށް އެމް.އެން.ޑީ.އެފް.އިން ވިދާޅުވެއެވެ.

އެމްޕީއެލް ސަރަހައްދަށްވެސް ތެޔޮ އެޅިފައިވާއިރު އެމްއެންޑީއެފްއިން ވިދާޅުވީ އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގާފައިވާކަމަށެވެ. އަދި ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުންކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަޙައްދު ބޭރުން ބޫމް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ސަރަޙައްދަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާތީ ތެޔޮ ނެގި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މި ރޭ މަސައްކަތް ކޮށްގެންކަމަށެވެ.

ޢިއްޒުއްދީން ފާލަން ސަރަޙައްދަށާއި އެމްޕީއެލް ސަރަހައްދަށް ކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.