ވިލިމާލެއިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓު ގެއްލިގެން ހޯދަން ފެށި ދުވަހު، މިބޯޓު އެއަރޕޯޓު ކައިރިން އޮޔާ ދަނިކޮށް ފެނުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދާ ދެމީހުންނާއި ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ހާމަކުރިގޮތުގައި ފުލުހުން ވިދާޅުވީ މިބޯޓު އެއަރޕޯޓުގެ ނެރު ކައިރިން އޮޔާ ދަނިކޮށް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެދުވަހު ފެނުނު ބޯޓުން ދަތުރުކުރީ ގެއްލިގެން ހޯދަމުންދާ ދެމީހުންކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އަޕްޑޭޓް:
— Maldives Police (@PoliceMv) January 1, 2023
ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވޭ.
ބޯޓުން ދަތުރުކުރީ އެ ދެ މީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ. https://t.co/FMMck8oVJm
ވިލިމާލެއިން ފުރައިގެން ތެޔޮ ބޯޓެއްގައި ދިޔަ ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މި ތެޔޮ ބޯޓުން ދަތުރުކުރީ، ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްއާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ފުރާފައި ވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ކަމަށާއި، އެމީހުންގެ ޚަބަރެއް ނުވެގެން ޑިސެމްބަރު 29 ވަނަ ދުވަހު ރިޕޯޓުކުރުމުން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުޙައްމަދު ނިޡާމް އާއި މޮހައްމަދު ލިޓަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅާ އެކަން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.