ކުޅިވަރު

2023 ގައި ޓީޓީގެ އަމާޒު އިތުރު ރަށްތަކަކަށް


ޓޭބަލްޓެނިސް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ފުވައްމުލަކުގައި ކުރިޔަށްގެންދާ ކާމިޔާބު ޕްރޮގްރާމާއެކު އަމާޒަކީ 2023 ވަނަ އަހަރު އިތުރު ރަށްތަކެއްގައި ޓީޓީގެ ހަރަކާތްތަކެއް ކުރިޔަށްގެންދިއުން ކަމަށް ޓޭބަލްޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޤައުމީ މުބާރާތުގައި ވަނީ ފުރަތަމަ ފަހަރަށް ފުވައްމުލަކުން ވާދަކޮށްފައެވެ. މިއީ ޓީޓީގެ ތާރީހުގައި މާލެ ފިޔަވާ އެހެން ރަށަކުން ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. ވާދަކުރި ފުރަތަމަ އަހަރުވެސް ފުވައްމުލަކުން ވަނީ މި މުބާރާތުގައި ތަފާތުދައްކާފައެވެ.

އެގޮތުން މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގެ ދެ ކުޅުންތެރިން ކަމަށްވާ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒު އެވެ. މި ދެ ކުޅުންތެރިން ފައިނަލުގައި މޮޅުވީ މާލޭ ވައިޑީޕީގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު އަލްސާ ނާފިޒު އާއި ސާރާ މޫސާ ޖަމީލްއާ ވާދަކޮށެވެ. ފިރިހެން ކުދިންގެ 13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދީ ފުވައްމުލަކު ޕެއާ އެކެވެ.

މިއީ ބޮޑު މުބާރާތެއްގައި މި ކުޅުންތެރިން ވާދަކުރި ފުރަތަމަ ފަހަރެވެ. ފުވައްމުލަކުގައި ވައިޑީޕީ ހަރަކާތްތައް ފެށިތާ އަދި އަހަރެއް ނުވެއެވެ. އިންޑިއާގެ ކޯޗެއްގެ އެހީގައި ފުވައްމުލަކުގައި މި ތަމްރީނު ފުރިހަމަކުރަމުން އަންނައިރު، އެސޯސިއޭޝަންގެ އަމާޒަކީ މިއަހަރު އިތުރު ރަށްތަކެއްގައި ޓީޓީގެ ހަރަކާތްތައް ފެށުމެވެ.

ޓީވީއެމްގެ ސާބަސް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިއުރީ ވިދާޅުވީ މިހާރުވެސް ބައެއް ރަށްތަކާ ވާހަކަ ދެކެވިފައިވާ ކަމަށާއި އުއްމީދަކީ މިއަހަރުގެ ތެރޭގައި އެ ރަށްތަކުގައި ހަރަކާތްތައް ފެށުން ކަމަށެވެ. މި ރަށްތަކުން ކުޅުންތެރިން އުފެދި، ޤައުމީ ފެންވަރުގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމަކީ މިހާރު ކުރާ އެންމެ ބޮޑު އުއްމީދުކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

2023 ވަނަ އަހަރު ޓީޓީ އެސޯސިއޭޝަނުން ވަނީ ހާއްސަ އިސްކަމެއް ދީގެން އަތޮޅު ތެރޭގައި ޓީޓީގެ ހަރަކާތްތައް ހިންގުމަށް ގިނަ ޕްލޭންތަކެއް ހަދާފައެވެ.