ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފިއެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ 35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ކިޔެވުން ފެށީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވީ ކިޔެވުން ނިމުނީ، ހޮނިހިރު ދުވަހުގެ ހެނދުނުކަމަށެވެ. ކިންގ ސަލްމާން މިސްކިތުގައި މުބާރާތުގެ ކިޔެވުން ކުރިއަށްގެންދިޔައީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިގޮތުން ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުންވަނީ ކުރިއަށް ގެންގޮސްފައެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ޖުމްލަ 1016 ކުދިން ކިޔަވާފައިވާކަމަށެވެ. މީގެތެރޭގައި ބަލައިގެން ކިޔެވުމުގެ ބައިން 600 ކުދިން އަދި ނުބަލާ ކިޔެވުމުގެ ބައިން 406 ކުދިން ކިޔަވާފައިވާއިރު 13 ކުއްޖަކުވަނީ ހާފިޒްކަމުގެ ބައިން ކިޔަވާފައެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅު ތެރޭގެ ދަރިވަރުން ހިމެނޭކަމަށް އެމަރުކަޒުން ވިދާޅުވެއެވެ. މިއަހަރުގެ މުބަރާތުގައިވެސް ސްކޫލްތަކާއި ޤުރުއާން ކްލާސްތަކާއި ޖަމިއްޔާ އަދި ކުންފުނިތަކުގެ އިތުރުން ކައުންސިލްގެ ފަރާތުން ބައިވެރިވާ ކުދިންވެސް ހިމެނޭކަމަށް އެމަރުކަޒުން ވިދާޅުވެއެވެ. މިގޮތުން އަތޮޅުތަކުން ކުދިން އައިސްފައިވަނީ އަތޮޅު ފެންވަރުގައި ކުރިއަށްގެންގޮސްފައިވާ ޤުރުއާން މުބާރާތްތަކުން ހޮވުނު ދަރިވަރުންނެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކުރުން ފަހުގެ ތާރީޚެއްގައި ބާއްވާނެކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވެއެވެ.
1980 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ވޭތުވެދިޔަ ހުރިހާ އަހަރެއްގައި ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އެހެންނަމަވެސް މިއަހަރު ކިންގ ސަލްމާން މިސްކިތަށް ބަދަލުކޮށް އެއްފަހަރާ ދެދަންފަޅީގެ ކިޔެވުންވަނީ ކުރިއަށްގެންގޮސްފައެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖައްސާ ތަރުތީލުކޮށް ޤުރުއާން ކިޔެވުމުގެ ޝައުގުވެރިކަން ކުދިންގެ ހިތްތަކުގައި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޤާއުމީ ޤުރުއާން މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ.