އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އޮންލައިންކޮށް ރަޖިސްޓަރީވެވޭނެ ގޮތް ހަދަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ފަސޭހައިން ރީ ރަޖިސްޓަރ ކުރެވޭނެ ގޮތް ހެދުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓަލްއެއް ހަދާފައިވާކަމަށެވެ. އަދި އެ ޕޯޓަލް މިހާރުވަނީ ޓެސްޓްކުރުމުގެ މަރުޙަލާގައި ކަމަށް ހަބީބް ވިދާޅުވިއެވެ. ކޮންމެ ތަނެއްގައި ހުންނަ މީހަކަށްވެސް އަމިއްލައަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މި ޕޯޓަލްއިން ލިބިގެންދާނެކަން ހަބީބު ފާހަގަކުރެއްވިއެވެ.
ރަޖިސްޓްރޭޝަންގެ މަސައްކަތަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އިންތިޚާބުގެ މައި މަރުކަޒް ހަމަޖެހުމާއެކު އެ މަސައްކަތްތައް ދުރާލާ ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި އޮންލައިންކޮށް ރީ ރަޖިސްޓަރވުމުގެ ފުރުޞަތު ލިބިގެންދިއުމުން އެ ކޮމިޝަނަށްވެސް ލުޔެއް ލިބިގެންދާނެކަން ޙަބީބު ފާހަގަކުރެއްވިއެވެ.
ރާއްޖެގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައެވެ. ކުރިން މިކަން އޮތީ ރީ-ރަޖިސްޓްރީ ވުމަށް ފޯމް ފުރުމަށްފަހު މާލޭގައި ނަމަ އިންތިޚާބާ ބެހޭ މައި މަރުކަޒަށް ހުށައަޅާގޮތަށެވެ. އަތޮޅުތަކުގައި ރަށު ކައުންސިލް އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކަށް އެ ފޯމް ހުށައަޅަންޖެހެއެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. އަދި އިންތިޚާބު ބާއްވާ ސީދާ ތާރީޚް އަންނަ މަހު އިއުލާންކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.