ޚަބަރު

މާލީ ރިޕޯޓް ހުށަނާޅާ 7 ޕާޓީއެއް ޖޫރިމަނާކޮށްފި


މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތައް ހުށަހަޅަންޖެހޭ ތާރީޚުގައި ހުށަނާޅާތީ އިލެކްޝަންސް ކޮމިޝަނުން ހަތް ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި 7 ޕާޓީ ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް 20،000 ރުފިޔާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ޖޫރިމަނާ ކުރި ޕާޓީތަކަށް އެކަން އަންގާފައިވާ ކަމަށްވެސް އެކޮމިޝަނުން ހާމަކުރެއެވެ.

މާލީ ރިޕޯޓް ހުށަނާޅާތީ ޖޫރިމަނާ ކުރި ޕާޓީތައް:

* އަދާލަތު ޕާޓީ
* ދިވެހި ރައްޔިތުންގެ ޕާޓީ
* މޯލްޑިވްސް ނެޝަނަލް ޕާޓީ
* މޯލްޑިވްސް ރިފޯމް މޫވްމަންޓް
* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
* މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ
* މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ ޕާޓީއެއްގެ ވެސް މާލީ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. ސިޔާސީ ޕާޓީތަކުގައި 10،000 މެމްބަރުން ހަމަވާނަމަ ދަޢުލަތުން އަންނަނީ ފައިސާ ދޫކުރަމުންނެވެ.

ދިވެހިރާއްޖޭގައި މިވަގުތު ހިންގަނީ 11 ސިޔާސީ ޕާޓީއެކެވެ. އެހެންކަމުން ޖޫރިމަނާއިން ސަލާމަތްވީ 4 ސިޔާސީ ޕާޓީއެވެ. އެއީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި ޖުމްހޫރީ ޕާޓީއެވެ.


ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި އެޕާޓީތަކުން ކުރާ ޚަރަދުތައް ހިމެނޭ ލިޔެކިޔުމަކީ ކޮންމެ ވަގުތެއްގައިވެސް އިލެކްޝަންސް ކޮމިޝަނަށް ބެލޭނެ ލިޔެކިޔުންތަކެކެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޤާނޫނާ ޚިލާފަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން ޢަދަދަކުން އެޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ. އަދި އެ ލިޔެކިޔުންތައް އެއްވެސް ސިޔާސީ ޕާޓީއަކުން ބަލަހައްޓަމުން ނުދާނަމަ ނުވަތަ އިލެކްޝަންސް ކޮމިޝަނަށް މާލީ ރިޕޯޓް ހުށަނާޅައިފިނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.