ކުޅިވަރު

މެރަތަން ދުވުމުގެ ލެޖެންޑް ކުޑަ ހުސެއިންގެ ދަރި ފެތުމުގެ ގައުމީ ރިކޯޑެއް ހަދައިފި


ތައިލެންޑުގައި ބޭއްވި ފީޑިން ފްރެންޒީ ފެތުމުގެ މުބާރާތުގައި ވާދަކޮށް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑް ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ ހަނާން ހުސެއިން ހަލީމް މުގުރާލައިފިއެވެ.

އެންމެ ފަހުން މި ރިކޯޑް އާކޮށްފައިވަނީ މިރާލް އައިން ލަތީފްއެވެ. އެއީ މި އަހަރު ބޭއްވުނު ފަސްވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްގައި ވާދަކޮށެވެ. މިރާލް ރިކޯޑް ހެދީ 01.20.80 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފީޑިން ފްރެންޒީ މުބާރާތުގައި ވާދަކޮށް ހަނާން ރެކޯޑް މުގުރާލީ 01.18.51 އިން ރޭސް ނިންމައިގެންނެވެ.

އުމުރުން 14 އަހަރުގެ ހަނާން 100 މީޓަރު ބަޓަފްލައިގެ ގައުމީ ރިކޯޑް އާކުރިއިރު، މީގެ ކުރިން ހަނާން ވަނީ އެތުލެޓިކްސް އިވެންޓްތަކުންވެސް ފެނިފައެވެ. އެކަމަކު ތައިލެންޑްގެ ބޯޑިން ސްކޫލެއްގައި ކިޔަވަމުން އަންނަ ހަނާން އަންނަނީ އެގައުމުގައި ފެތުމުގެ ތަމްރީނުތައް ހަދަމުންނެވެ.

ހަނާންގެ ބައްޕަ ޑރ. ހުސައިން ހަލީމް (ކުޑަ ހުސެއިން) އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މެރަތަން ދުވުންތެރިޔެކެވެ. އެގޮތުން އެތުލެޓިކްސްގެ ޒަމާންވީ މެރަތަން ރެކޯޑް 2016 ވަނަ އަހަރާ ހަމައަށް އޮތީ ކުޑަހުސެއިން އަތުގައެވެ. އެ ރިކޯޑް އޭނާ ވަނީ 28 އަހަރުވަންދެން ދަމަހައްޓައިފައެވެ. ހުސެއިން ގައުމީ ފުރަތަމަ ރިކޯޑް ހެދީ އުމުރުން 18 އަހަރުގައެވެ.