މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވީ މިދިޔަ އާދިއްތަދުވަހުއެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިއީ ސިޔާސީ ދައުވާއެއް ކަމަށާއި، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބަލައިނުގަންނާނެކަމަށެވެ.
ހުކުމް ބަލައިނުގަންނާނެކަމަަށް ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ބުނިކަމުގައިވިޔަސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ތަފްސީލަށް ބަލާއިރު ދައުލަތުން ދައުވާކުރި މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ހިންގެވި ގޮތް ވަނީ ތަފްސީލުކޮށް ކިޔައިދީ، އެކަން ސާބިތުވަނީ ކިހިނެތްކަންވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދީފައެވެ.
ވ.އަތޮޅުގައި އޮންނަ ހިތްގައިމު ރަށެއްކަމަށްވާ އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރުއެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިއްޕަވައި އެ ފައިސާ މަނީ ލޯންޑަރިންއަށް ބޭނުންކުރެއްވިކަމަށެވެ.
ކްރިމިނަލް ކޯޓުގެ ސަތޭކަ އެތައް ސަފްހާއެއްގެ ހުކުމުން ހާމަވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ކުށްކުރުމުގެ ނިޔަތުގައި ކަންތައްތަކެއް ކުރަން އުޅޭކަން ނުވަތަ ކަމެއްގެ ހަގީގަތް އޮޅުވާލަން އުޅޭކަން އޮތީ ފެންނާށެވެ. ފުރަތަމަ ކަމަކަށް އާރަށުގެ ޑީލްއާ ގުޅޭ ގިނަ ކަންތައްތަކެއް އެއް ދުވަހެއްގެ ތެރޭގައި ހިނގާފައި ހުރުމެވެ.
ރިސޯޓެެއް ހަދަން ޓޫރިޒަމް މިނިސްޓްރީން އާރަށް، އެމްއެމްޕީއާރުސީއަށް ދިނުމާއި، އެކަމާއި ގުޅޭ ހުއްދަތައް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދިނުމާއި، ޔޫސުފް ނައީމްގެ ޓޫޖީ ކުންފުންޏަށް ރަށް ދޭން ކަނޑައަޅައި، އެގްރިމަންޓް ހަދައި، ޓޫޖީ ކުންފުނިން އެމްއެމްޕީއާރުސީން ދޭން ޖެހޭ 1 މިލިއަން ޑޮލަރުގެ އެލްއޭ ނަމަކަށް ކިޔާ ކުންފުންޏެއްގެ ޗެކަކުން އެމްއެމްޕީއާރުސީން ދިނީ ހަމަ އެންމެ ދުވަހެއްގެ ތެރޭގައެވެ. އެއީ 9 ސެޕްޓެމްބަރު 2015އެވެ. ހަމަ އެދުވަހު ޓޫޖީ ކުންފުނީގައި އޮތް ޔޫސުފް ނައީމްގެ 99 އިންސައްތަ ހިއްސާގެ ތެރެއިން 90 އިންސައްތަ ހިއްސާ އެލްއޭ ނަމަކަށް ކިޔާ ކުންފުންޏަކަށް ބަދަލުކުރިއެވެ. އަދި އެލްއޭއިން ޔޫސުފް ނައީމްގެ އެކައުންޓަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދިނުމާއެކު ހަމަ އެއްދުވަހު އެ ޗެކު ޔޫސުފް ނައީމްގެ ބީއެމްއެލް އެކައުންޓަކަށް ޖަމާކުރަން ފޮނުވައެވެ.
އާރަށުގެ އެއްބަސްވުން ހެދީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ފުރަތަމަ 1 މިލިއަން ޑޮލަރު ދިނުމަށްފަހު، އެއް އަހަރު ތެރޭގައި ބާކީ 1 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވީ މި 1 މިލިއަން ޑޮލަރާއި ހެދިއެވެ. ސެޕްޓެމްބަރު 9 ގައި ޔޫސުފް ނައީމަށް ލިބުނު 1 މިލިއަން ޑޮލަރުގެ ޗެކު އޭނާ ޖަމާކުރީ ބީއެމްއެލްގެ އެކައުންޓަކަށެވެ. އަދި ޔޫސުފް ނައީމް ވަނީ 1 މިލިއަން ޑޮލަރު ޖަމާވި އެކައުންޓުން 15 ސެޕްޓެމްބަރު 2015 ގައި ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދީފައެވެ.
ދައުލަތުން މިކަމުގައި ކުރާ މައިގަނޑު ސުވާލަކީ މި 1 މިލިއަން ޑޮލަރަކީ ކިހިނެތް، ކޮން ބޭނުމަކަށް ލިބިވަޑައިގަތް ފައިސާއެއްތޯއެވެ. ޝަރީއަތުގައި ރައީސް ޔާމިން ވިދާޅުވީ މިއީ އެމަނިކުފާނު ހިންގެވި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިން މިއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ނޫންކަމަށާއި މިއީ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ދިނުމާއި ގުޅިގެން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަން ސާބިތުކޮށްދީފައެވެ.
ކިތާބީ ހެކިން ފެންނަ ގޮތުގައި ރައީސް ޔާމީނަށް 15 ސެޕްޓެމްބަރު 2015 ގައި ޔޫސުފް ނައީމް ދިން 1 މިލިއަން ޑޮލަރުގެ ޗެކު ޖަމާކުރަން ޔާމީން ފޮނުވަނީ އެޗްއެސްބީސީގައި އޮތް އެކައުންޓަކަށެވެ. ނަމަވެސް އެ އެކައުންޓް ބަންދުކޮށްފައި އޮތުމުން، ރައީސް ޔާމިންގެ އަމިއްލަ އަތްޕުޅުން އެޗްއެސްބީސީއަށް 17 ސެޕްޓެމްބަރުގައި ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަސައްކަތަށް ލިބިވަޑައިގެންނެވި ފައިސާކަމަށެވެ. އަދި އެ ފައިސާ ވީއެންމެ އަވަހަކަށް ޖަމާކޮށްދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައެވެ.
ސިޔާސީ މަސައްކަތަށް ލިބިވަޑައިގެންނެވި ފައިސާކަމަށް އެޗްއެސްބީސީގައި ރައީސް ޔާމީން ވިދާޅުވިއިރު، ބީއެމްއެލްއަށް ޔޫސުފް ނައީމް މައުލޫމާތު ދެމުން ބުނީ އެއީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ.
މިހެން މިކަން އޮތުމުން އެއީ ޑޮލަރުގެ މާރުކުރުމުގެ މުއާމަލާތެއްކަމަށް ރައީސް ޔާމީން ކޯޓުގައި ވިދާޅުވި ވާހަކަތައް ދިމާނުވާކަން ހުކުމްގައި ފާހަގަކުރިއެވެ. ދައުލަތުން ބުނާ ރިޝްވަތުގެ ފައިސާއަކީ މިއެވެ. އާރަށުގެ ޑީލް ވަކި ބަޔަކަށް ދިނުމުން ދިން ހަދިޔާއެވެ.
ރިޝްވަތުގެ ގޮތުގައި ލިބުނު ނުވަތަ ކުށްކޮށްގެން ހޯދި ފައިސާއަކީ ހަލާލު ސައްހަ ފައިސާކަމަށް ދެއްކުމަށް ބޭނުންކުރާ އުކުޅަކީ މަނީ ލޯންޑްރިންގއެވެ. ނުވަތަ ފައިސާ ދޮވުމެވެ.
ދައުލަތުން ވަނީ ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ "ލޯންޑަރ" ކުރިގޮތް ހުކުމްގައި ވަނީ ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ޔޫސުފް ނައީމް ދިން 1 މިލިއަން ޑޮލަރުގެ ޗެކު ރައީސް ޔާމީންގެ އެޗުއެސްބީސީ އެކައުންޓަށް ޖަމާކުރުމަށްފަހު އޭގެ 5 މަސްފަހުން 22 ފެބްރުއަރީ 2016ގައި ރައީސް ޔާމީންގެ އެޗްއެސްބިސީ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ ބީއެމްއެލްގެ އެކައުންޓަކަށް ޓްރާންސްފަރ ކުރެއެވެ. އޭގެފަހުން 1 މިލިއަން ޑޮލަރާއެކު ބީއެމްއެލްގެ އެކައުންޓްގައި ހުރި 2 ލައްކަ ޑޮލަރު، ޖުމްލަ 1.2 މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގެ ކަރަންޓް އެކައުންޓަކަށް ޖަމާކުރިއެވެ. އެއަށްފަހު ތިން މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގެ ސޭވިން އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް، އޭގެ ފަހުން އެ ފައިސާ އެ ބޭންކްގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް 36 މަހަށް އިންވެސްޓްކުރިއެވެ. ޔާމީންގެ މައްޗަށް މާނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރީ އާރަށުގެ ޑީލް އިން ލިބުނު އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލުމަށް އެމަނިކުފާނުގެ އެކައުންޓްތަކުގައި ހިންގާފައިވާ މި މުއާމަލާތްތަކަށް ބިނާކޮށެވެ.
ރައީސް ޔާމިނަށް ދިން ޗެކަކީ ވިޔަފާރީގެ މުއާމަލާތެއްކަމަށް ޔޫސުފް ނައީމް ބުނާއިރު، ވިޔަފާރީގެ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަކީ، ގާނޫނުއަސާސީން މަނާ ކަމަކަށް ވާތީ، އެޗްއެސްބީސީއަށް، ސިޔާސީ ކެމްޕެއިންގެ ނަމުގައި، ޖަމާކުރެއްވި ފައިސާއަކީ ގާނޫނުއަސާސީގެ 119 މާއްދާއާ ހިލާފަށް ރައީސް ޔާމީން ހިންގާފައިވާ އަމަލެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ހުކުމްގައި ފާހަގަކޮށްފައިވާ އަނެއްކަމަކީ އެ 1 މިލިއަން ޑޮލަރަކީ ޔާމީންގެ ކެމްޕެއިންއަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށް ވާ ނަމަ، އެ ފައިސާ ޕީޕީއެމަށް ލިބެން ޖެހޭނެކަމެވެ.ނަމަވެސް މިކަންކަން ހިނގިކަމަށް ބުނާ އެއްވެސް އަހަރެއްގެ އޮޑިޓް ރިޕޯޓަކުން ޔާމީންގެ އެކައުންޓަކުން ޕީޕީއެމަށް އެއްވެސް ފައިސާއެއް ލިބިފައި ނެތްކަން، ކޯޓަށް ސާބިތުވާކަމަށްވެސް ހުކުމްގައިވެއެވެ.
މުޅި މައްސަލައިގައިވެސް ރައީސް ޔާމިންގެ މައިގަނޑު ދިފާއުއަކީ، ލިބިވަޑައިގެންނެވި 1 މިލިއަން ޑޮލަރަކީ، ފައިސާ ގަނެ މާރުކުރުމުގެ މުއާމަލާތެއްކަމަށެވެ. އެއީ ތެދަކަށްވިޔަސް، ގާޒީއަށް ގަބޫލުކުރެއްވޭ މިންވަރާއި ގާތަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ހުކުމުގައިވާ ގޮތުން ރައީސް ޔާމީން ވިދާޅުވާ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ސާބިތުކުރަން ޔާމީންގެ ފަރާތުން ހުށަހެޅި ހެކިން ދެއްކީ "ތާކުންތާކުން ނުޖެހޭ" ހަމަނުޖެހޭ ވާހަކަތަކެކެވެ. ކަމެއް ހިންގިކަން ސާބިތުކޮށްދޭން ހުށަހެޅި ހެކިންނަށް އެކަން ހިނގީ ދުވާލެއްގައި ނުވަތަ ރޭގަނޑެއްގައިތޯ ބުނެދޭން ނޭގުމުން އެކަމާއި ކޮންމެ މީހަކުވެސް ސުވާލު އުފައްދާނެއެވެ.
މައްސަލަ ބެއްލެވި އިސް ގާޒީ ޝަކީލްގެ ހުކުމްގައި ވަނީ އެއީ 'ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން' ހުށައެޅި ހެކިތަކެއް ކަމަށް ކަނޑައަޅުއްވާފައެވެ. މުޅި މައްސަލައިގައިވެސް ދައުލަތުން ދެއްކި ވާހަކަތައް އެއްގޮތަށްވުރެ، ގިނަ ގޮތްގޮތުން ދިމާވެއެވެ. ނަމަވެސް ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށަހެޅި ހެކިތަކުން ދައުލަތުގެ ވާހަކަތައް ނަފީކުރެވޭ ވަރުގެ އެއްވެސް ބުރަދަނެއް ނެތްކަން ސަތޭކަ އެތައް ސަފްހާއެއްގެ ހުކުމުން ސާފުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވީ ރިޒޯޓެއް ހަދަން ޔޫސުފް ނައީމަށް ރަށެއް ދިނުމުން، އޭގެ ބަދަލެއްގެ ގޮތުގައި ޔޫސުފް ނައީމް ދިން 1 މިލިއަން ޑޮލަރު ނެންގެވުމުންނެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވީ ޔޫސުފް ނައީމް ދިން 1 މިލިއަން ޑޮލަރު އެކިއެކި އެކައުންޓްތަކުގެ ތެރެއިން ދައުރު ކޮށްގެން އޭގެއިން މަންފާ ހޯދުމުންނެވެ.
އާރަށުގެ މައްސަލައަށް ބަލާއިރު ދައުލަތަށް އެ ރަށުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2 މިލިއަން ޑޮލަރު ދޭން އެއްބަސްވުން ހަދައި، އޭގެއިން އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ދީފައިވާއިރު، އެ ފައިސާވެސް ދައުލަތަކަށް ނުލިބެއެވެ. އެ ފައިސާ ޖަމާކޮށްފައިވާނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ.