ޚަބަރު

އެއްވެސް ޕާޓީއެއްގެ ދަފްތަރަކަށް ބަދަލެއް ނުގެންނާނެ: އިލެކްޝަންސް


އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕާޓީތަކުގެ ދަފްތަރުން މެމްބަރުން އުނި އިތުރު ކުރުމަކީ ކޮމިޝަނުން ކުރާނެކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީއަކަށް ރަޖިސްޓްރީކޮށްފައި ވޭތޯ ބަލައި އެކަން ވީހާވެސް އަވަހަކަށް ހައްލުކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި ގުޅިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީގެ ދަފްތަރަށް މީހުން އިތުރުކުރުމަށްޓަކައި އޮންނަ އުޞޫލްގެ ދަށުން ހުށައަޅާ ފޯމްތައް ވެރިފައި ކުރުމަށްފަހު އެ ކޮމިޝަނުގެ ދަފްތަރުގައި ހިމަނާކަމަށެވެ. އަދި އެ ދަފްތަރުން ބަޔަކު އުނިކުރިޔަސް އުނިކުރަނީ އުޞޫލްގެ މަތިންކަމަށާއި ވަކި މީޙަކު ބުނެގެން ކުރެވޭ ވަރަށްވުރެ އެކަން މާ ހަރުދަނާވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީހުންނަށް ނޭގި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެ މައްސަލައަށް އަލި އަޅުވާލައްވަމުން ހަބީބު ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަންގެ މައްސަލައެއް ނޫންކަމަށެވެ. އެގޮތުން އިިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީގެ ފަރާތުން މެމްބަރުން ވެއްދުމަށްޓަކައި ފޯމްއާއެކު ހުށައަޅަންޖެހޭ އައިޑީކާޑުގެ ކޮޕީއާއި މަޢުލޫމާތާއެކު ހުށައެޅުމުން ސައްހަކަން ކަށަވަރުކުރުމަށްފަހު ދަފްތަރުގައި ހިމަނާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

"މި ޝަކުވާ ބޮޑުވުމުގެ ސަބަބުން މިހާރު ކޮމިޝަނަށް ހުށައަޅާ ފޯމްތަކުގައި ވެރިފައި ކުރުމަށްޓަކައި އިތުރު ކަންކަން ވާނީ ތަޢާރަފްކޮށްފައި. އެގޮތުން ފޯމް ފުރާ މީހާގެ މަންމަގެ ނަމާއި އެޑްރެހާއި ފޯމްގައި ހެކިވެރިންގެ ފިންގަރ ޕްރިންޓް ޖަހާ ގޮތަށް ހަމަޖައްސާފައިވާނެ. މީގެ އިތުރަށް ފޯމުގައި ޖަހަން އެބަޖެހޭ އައިޑީކާޑުގައި އިންނަ ފޮޓޯ ނޫން އެހެން ފޮޓޯއެއް. އަދި މިކަންތައްތައް ބެލުމަށްފަހުގައި ސިޔާސީ ޕާޓީއަށް ވަންނަން ބޭނުންވާ މީހާއަށް އެސްއެމްއެސްގެ ޒަރިއްޔާއިން އަންގަން" އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރަށް އަލިއަޅުވާލައްވަމުން ހަބީބު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ރަޖިސްޓްރީއަށް ގެންނަ ބަދަލަކީ އިލެކްޝަންސް ކޮމިޝަނުން ބެހޭނެކަމެއް ނޫންކަމަށެވެ. އަދި ސައްހަ މެމްބަރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ޤަބޫލު ކުރަނީ ސިޔާސީ ޕާޓީން މަޢުލޫމާތު ފޮނުވައިގެން ބަލަހައްޓާ ދަފްތަރުގައި ހިމެނޭ މީހުންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނާއި އެއްވެސް ބެހުމެއް އޮތްކަމެއް ނޫން ،ސިޔާސީ ޕާޓީ އެތެރޭގައި ގެންގުޅޭ ދަފްތަރަކީ. އެބޭފުޅުންގެ ބޭނުންފުޅަށް ގެންގުޅުއްވާ އެއްޗެއް އެއީ." "އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

އީސީގެ ދަފްތަރުގައި ތިބި އެމްޑީޕީގެ މެމްބަރުން

2016 ނިމުނުއިރު- 29777 މީހުން
2017 ނިމުނުއިރު - 29869 މީހުން
2018 ނިމުނިއުރު - 58232 މީހުން
2019 ނިމުނުއިރު -59390 މީހުން
2020 ނިމުނުއިރު - 58381 މީހުން
2021 ނިމުނުއިރު - 54674 މީހުން
19 ޑިސެމްބަރ 2022 -57704 މީހުން

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ކުރަމުން އަންނަ ޝަކުވާއަކީ އެ ޕާޓީގެ ދަފްތަރުގެ މައްސަލައެވެ. އެގޮތުން ޕާޓީގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ރައީސް ސާލިހު ޕާޓީގެ ދަފްތަރު ގަޑުބަޑުކޮށް މެމްބަރުން ވަކިކޮށްފައިވާކަމަށް ތުހުމަތުކުރަމުންނެވެ.

މި ތުހުމަތުތައް އެމަނިކުފާނަށް ކުރަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވެފައިވާތީއެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު 92،000 އިން 54،000 އަށް ތިރިވީ އެ ޕާޓީން ބަލަހައްޓަމުން ދިޔަ ދަފްތަރުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބަލައިގަތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. އެ ނިންމުން ނިންމީ އެމްޑީޕީގެ ދަފްތަރުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ޕާޓީގެ ލީޑަރޝިޕަށް ފާހަގަކުރެވިގެންނެވެ.

އެ ނިންމުމާއެކު އެމްޑީޕީގެ ދަފްތަރުން އުނިވާ 39،911 މެމްބަރުންނަށް މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި، ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެއް މަސް ދުވަހުގެ މުހުލަތެއް ދިނެވެ.