ރޮހިންޔާ ދަރިކޮޅުގެ 180 އަށްވުރެ ގިނަ މުސްލިމުން ދަތުރުކުރި ބޯޓެއް ކަނޑުވެ، ގެއްލިފައިވާ ކަމަށް ބެލެވޭ ކަމުގައި އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާ (ޔޫ.އެން.އެޗް.ސީ.އާރް)އިން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ، ބޯޓު ފެތިފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.
ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުންނާ އެކު އަންދަމަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ ބޯޓެއް ހާލުގައި ޖެހިފައިވާ ކަމުގެ އިންޒާރު އެ އިދާރާއިން މީގެ ކުރިން ވެސް ވަނީ ކޮށްފައެވެ. އަދި، އެ މީހުން ސަލާމަތް ކުރުމަށް މެލޭޝިޔާއާއި ތައިލެންޑުގެ އިތުރުން އިންޑޮނީޝިޔާއަށް އެ އިދާރާއިން ގޮވައިލާފައިވެއެވެ. ނަމަވެސް، އެއްވެސް ޤައުމަކުން އެ ގޮވައިލުމަށް އިޖާބަދީފައެއް ނުވެއެވެ.
މިޔަންމާގައި ކުރިމަތި ކުރަމުންދާ ދަތި ހާލުން ސަލާމަތްވުމަށް މިލިޔަނަކަށް ވުރެ ރޮހިންޔާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. މީގެ ތެރޭގައި، 2017ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ފެށި އަނިޔާވި ކެމްޕޭނަކުން ސަލާމަތްވުމަށް ބަންގްލަދޭޝަށް ހިޖުރަކުރި އެތަކެއް ހާސް މުސްލިމުން ހިމެނެއެވެ.
ބަންގްލަދޭޝްގެ ރެފިޔުޖީ ކޭމްޕުތަކުގައި ވެސް ރޮހިންޔާ މުސްލިމުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ. ކަނޑުވެފައިވާ ކަމަށް ބެލެވޭ ބޯޓުގައި ތިބީ، ބަންގްލަދޭޝްއިން ފުރައިގެން ދަތުރު ކުރަމުންދިޔަ ބަޔެއް ކަމަށް ޔޫ.އެން.އެޗް.ސީ.އާރް.އިން ބުނެއެވެ. އަދި، އެއީ ބަންގްލަދޭޝްގެ ރެފިޔުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ބަޔެއް ކަމަށް ވެސް އެ އިދާރާއިން ޤަބޫލު ކުރެއެވެ.
އެ ބޯޓު ފުރާފައިވާ ކަމަށް ބެލެވެނީ ނޮވެންބަރު މަހުގެ ފަހުކޮޅެވެ. ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ ޤަވާޢިދާ ޚިލާފަށް މިޔަންމާއަށް ހިޖުރަކޮށްފައިވާ ބަޔެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، އެ މީހުންނަށް ރައްޔިތުކަން ދިނުމުގެ އިތުރުން، އަސާސީ ޚިދުމަތްތައް ފޯރުކޮށާދިނުމަށް ވެސް މިޔަންމާއިން ދަނީ ދެކޮޅު ހަދަމުންނެވެ. މިޔަންމާގެ އާބާދީގެ ބޮޑު އިންސައްތައަކީ ބުދަށް އަޅުކަން ކުރާ މީހުންނެވެ.
2013 ވަނަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ވަނީ ކަނޑުވެގެން މަރުވެފައެވެ. އަންދަމަން ކަނޑާއި ބޭ އޮފް ބެންގާލް ކަނޑުގައި ހިނގި އެކި ހާދިސާތަކުގައި 900 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން މަރުވެފައިވާ ކަމަށް ޔޫ.އެން.އެޗް.ސީ.އާރް.އިން އަންދާޒާ ކުރެއެވެ. އަދި، 2014 ވަނަ އަހަރު އެ އަދަދު 700 އަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ބަންގްލަދޭޝްގެ ރެފިޔުޖީ ކޭމްޕުތައް ދޫކޮށް މެލޭޝިޔާއާއި އިންޑޮނީޝިޔާއަށް ހިޖުރަކުރަން މަސައްކަތް ކުރާ ރޮހިންޔާ މުސްލިމުންގެ އަދަދު މި އަހަރުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން ވެސް ބައެއް މީހުން ދަތުރުކުރި އުޅަނދުފަހަރު ކަނޑުވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި ޔޫ.އެން.އެޗް.ސީ.އާރް.އިން ބުނެއެވެ.
މި އަހަރުގެ މިހާތަނަށް 2,400 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ކަނޑު ހުރަސްކޮށް ހިޖުރަކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 200 އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި އެ އިދާރާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރި ބޯޓުތައް ވަނީ މެލޭޝިޔާއާއި އިންޑޮނީޝިޔާއަށް ބަނދަރުކޮށްފައެވެ.
ރޮހިންޔާ ދަރިކޮޅުގެ 57 މީހުން ތިބި އުޅަނދެއް ޑިސެންބަރު 25 ވަނަ ދުވަހު ވަނީ އިންޑޮނީޝިޔާގެ އަޗޭއަށް ދަތުރު ކޮށްފައެވެ. އެ މީހުންނަށް އަޗޭއަށް ވާސިލުވީ، މަހެއްހާ ދުވަސް ކަނޑުމަތީގައި ހޭދަކުރުމަށް ފަހުއެވެ. އެ ބޯޓުގައި ތިބީ ފިރިހެނުންނެވެ.
މި ބޯޓަކީ، ފާއިތުވި މަސްތަކުގެ ތެރޭގައި އިންޑޮނީޝިޔާއަށް ދަތުރުކުރި މި ފަދަ ތިންވަނަ ބޯޓެވެ. ހުސްވި ނޮވެންބަރު މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު މި ފަދަ އިތުރު ދެ ބޯޓު އިންޑޮނީޝިޔާއަށް ދަތުރުކޮށްފައިވެއެވެ. އެ ދެ ބޯޓުގައި ރޮހިންޔާ ދަރިކޮޅުގެ 229 މީހުން ތިބި ކަމުގައި އިންޑޮނީޝިޔާގެ އޮފިޝަލުން ބުނެއެވެ.