ޚަބަރު

ދޮގު ހެކިބަސްދިން މައްސަލަ ތަހުގީޤްކުރުމަށް ދިރާސާކުރަނީ


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ތަހުގީޤްކުރުމަށްޓަކައި ދިރާސާކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ ވ. އާރަށް މައްސަލާގައި، ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުން ރައީސް ޔާމީންގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދީފައިވަނީ ދޮގު ހެކި އުފައްދައިގެން ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މަނީ ލޯންޑްރިންގއާ ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އާދީއްތަދުވަހުއެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިިި ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންނާއި ގުޅޭގޮތުން ހުރި ވާހަކަތަކެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އަބްދުﷲ ރަޝީދު ކިޔާ މީހަކު ހާޒިރުކޮށްފައެވެ. އެ މީހުން ހެކި ބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށްފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެއެވެ.

ނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުން އާދީއްތަދުވަހު ކުރި ހުކުމްގައި ބުނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށްވެސް ހުކުމްގައިވެއެވެ.

ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވުން ހިމެނެއެވެ. ނަމަވެސް އެދުވަހު ހިނގި އެހެން ކަންކަމުގެ ތަފްސީލުތައް ހެކިން ކިޔައިދިނުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއްކަމަށްވެސް ހުކުމުގައިވެއެވެ. އަދި ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެންކަމަށް ޤަބޫލުކުރެވޭކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ނަރީޝްގެ އިތުރުން މި މައްސަލައިގައި ހެކި ބަސް ދިން މުހައްމަދު ރަޝީދު ނަމަކަށް ކިޔާ މީހާގެ ވާހަކަތަކުގައި ހުރި ދެކޮޅު ނުޖެހޭކަންކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޔާމީންގެ ގެކޮޅުގައި ފައިސާ ގުނިއިރު ހުރީ ކޮޅަށް ކަމެއް ނުވަތަ އިށީނދެގެންކަން ބުނެ ނުދެވޭއިރު، އެ ފައިސާ ހަވާލުކުރި ޔޫސުފް ނައީމްގެ ގެއަށް ވަނީ ކިހިނެއްކަންވެސް ހެކިންނަށް ބުނެ ނުދެވޭކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކުރި މައްސަލައިގައި ދޮގު ހެކިބަސް ދީފައިވާކަމަށް ކޯޓު ހުކުމްގައި ފާހަގަކޮށްފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީޤްކުރުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް ކުރަމުންނެވެ. ފުލުހުން ވިދާޅުވީ އެ ހުކުމް ދިރާސާކުރަމުންދާކަމަށާއި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަން ޖެހޭ ކަމަށް އޮތް ކަމަށް ބެލެވިއްޖެ ނަމަ، އެ މައްސަލައެއް ފުލުހުން ބަލަމުންދާނެކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލައިގައި ރައީސް ޔާމީނަށް 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުުގެ ޖޫރިމަނާއެއް އިއްވާފައިވާއިރު، އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.