އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހު ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އިއުލާން: MDP/2022/068 ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ކުރިމަތިލެއްވި ކެންޑިޑޭޓުން އާއްމުކުރުންhttps://t.co/JfVEbK8Hlc
— MDP Secretariat (@MDPSecretariat) December 27, 2022
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރިއިރު، ކެނޑިޑޭޓް ނަމްބަރު 1 ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. އަދި ރައީސް ސާލިހުއަށް ލިބިވަޑައިގަތީ ކެނޑިޑޭޓް ނަމްބަރު 2އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާއިރު، ދެން އޮންނާނީ ރިޔާސީ ޕްރައިމަރީގެ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެއެވެ. އަދި ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރަނީ އަންނަމަހުއެވެ.