ރަޝިޔާގެ އިންޒާރުތަކަށް ޔޫކްރެއިނުން ބޯނުލަނބައިފި ނަމަ، އެ ޤައުމުގެ ކުރިމަގާ މެދު ގޮތް ނިންމާނީ ރަޝިޔާގެ އަސްކަރިއްޔާއިން ކަމުގައި ބުނެ، ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ވިދާޅުވީ، ރަޝިޔާއިން ހުށަހަޅާފައިވާ ގޮތަށް، އެ ޤައުމުގެ އަތްދަށުގައިވާ ޔޫކްރެއިނުގެ ސަރަޙައްދުތައް ދޫކޮށްލަން ޔޫކްރެއިނު ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެ ކަންކަން ހާސިލު ކުރާނެ ކަމުގައެވެ.
ލެވްރޮފްގެ އިންޒާރުތައް އައިސްފައި މި ވަނީ، ޔޫކްރެއިނާ އެކު ސުލްޙައިގެ މަޝްވަރާތައް ފަށަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޔޫކްރެއިނުގެ ސަރުކާރާއި ހުޅަނގުން ވެސް ވަނީ ރަޝިޔާގެ ހުށަހެޅުމާ އެއްގޮތަށް ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންނުވާ ކަން ހާމަކޮށްފައެވެ.
"ރަޝިޔާއިން ހުށަހަޅާފައި ވަނީ، ޔޫކްރެއިނުގެ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން ހުއްޓުވުން. އަދި، ނާޒީންގެ އަތްދަށުން އެ ސަރަޙައްދުތައް މިނިވަން ކުރުން. އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޖަމާޢަތްތަކުގެ ފަރާތުން ރަޝިޔާއަށް އޮތް ނުރައްކާތެރިކަން ނައްތައިލުން. އަދި، ރަޝިޔާގެ ބިންތައް އަޅުގަނޑުމެންނާ ހަވާލު ކުރުން،" ލެވްރޮފް ވިދާޅުވިއެވެ. ރަޝިޔާގެ ބިންތަކުގެ ގޮތުގައި އޭނާ އިޝާރާތްކޮށްފައި މި ވަނީ ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަށެވެ.
ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ޑޮނެޓްސްކާއި ލުހާންސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. އަދި، 2014ވަނަ އަހަރު ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ކްރައިމިޔާއަށް ވެސް އަތްގަދަކޮށްފައެވެ. "ހުށަހެޅުންތަކަށް ޔޫކްރެއިނުން އަމަލު ނުކޮށްފި ނަމަ، ދެން ގޮތް ނިންމާނީ ރަޝިޔާގެ އަސްކަރިއްޔާއިން،" އިންޒާރު ދެއްވަމުން ލެވްރޮފް ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށީ ފެބުރުވަރީ 24ވަނަ ދުވަހުއެވެ. ޔޫކްރެއިނުގައި ތިބި "ނާޒީން" އެ ޤައުމުން ބޭރުކުރުމަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައެވެ. ނަމަވެސް، ޔޫކްރެއިނުން ބުނަމުން ދަނީ، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެގެން ތިބި ރަޝިޔާ ސިފައިން އެ ޤައުމުން ބޭލުމަށް ފަހު ނޫނީ، ހަނގުރާމަ ކުރުން ހުއްޓައިނުލާނެ ކަމުގައެވެ. އަމާން ނުދޭނެ ކަމުގައެވެ.
މި ހަނގުރާމައަށް 10 މަސް ފުރިފައިވާއިރު، ރަޝިޔާ ސިފައިން މިހާރު ދަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. މި ކަމުގެ ރައްދުގައި ޔޫކްރެއިނުން ވެސް ފަހަތަކަށް ނުޖެހެއެވެ. އަދި، ޑްރޯން ފަދަ އުޅަނދުތައް ބޭނުންކޮށްގެން، ސަރަޙައްދީ ރޮނގު ހުރަސްކޮށް، ރަޝިޔާގެ ރަށްތަކަށް ވެސް ދޭތެރެދޭތެރެއިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.
ޑިސެންބަރު 26 ވަނަ ދުވަހު ޔޫކްރެއިނުން ދިން މި ފަދަ ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ރަޝިޔާގެ ދިފާޢީ ބާރުން ވަނީ ޔޫކްރެއިނުގެ ޑްރޯންއަށް ހަމަލާދީ ވައްޓައިލާފައެވެ. ނަމަވެސް، މި ހާދިސާގައި ރަޝިޔާ ސިފައިންގެ ތިން މީހުން މަރުވި ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ނަމަވެސް، ޔޫކްރެއިނުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
ރަޝިޔާއިން އަތްގަދަކޮށްފައިވާ ތިން ސަރަޙައްދު ދިފާޢުކުރަން އެ ޤައުމުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އިތުރު ބިންތައް ހިފުމަކީ ވެސް ރަޝިޔާގެ އަމާޒެކެވެ. "ޑޮންބާސްގައި ހިމެނޭ ބަޚްމުތްއާއި ކްރެމިންނާ އަށް ރަޝިޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން. އެ ސަރަޙައްދުތައް ހިފުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ބޮޑު ފައުޖެއް ފޮނުވާފައި،" ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.
އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޔޫކްރެއިނުގެ ސިފައިންނަށް އަމާޒުކޮށް ރަޝިޔާއިން ޑިސެންބަރު 26 ވަނަ ދުވަހު 19 މިސައިލް ހަމަލާ ދީފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. އޭގެ ކުރީ ދުވަހު 69 މިސައިލް ހަމަލާ ދީފައިވާނެ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، ހަމަލާތަކުގައި މިސައިލާއި އާޓިލަރީ ބަޑި ބޭނުންކޮށްފައިވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.