ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ލޯޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ބަދަލު އަރަބިކަނޑަށް ދަތުރުކުރާނެތީ މިރެއާއި މާދަމާ އުތުރުގެ ރަށްތަކަށް ވިލާގަނޑުގައި ވައިގަދަވެ ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައިކަމަށެވެ. މި ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯޕްރެޝަރ އޭރީއާއެއްގެ ގޮތުގައިކަމަށެވެ. އަދި ކުރިޔަށް އޮތް 24 ގަޑިިއިރުގެތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުން ލަފާކުރާގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަސާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.