ޚަބަރު

ސުލްޙައިގެ މަޝްވަރާތަކަށް ރަޝިޔާ އޮތީ ތައްޔާރަށް: ޕުޓިން


ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށާއި، ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ޑިސެންބަރު މަހު ހަނގުރާމައަށް 10 މަސް މި ވަނީ ފުރިފައެވެ.

ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރަޝިޔާއިން މީގެ ކުރިން ވެސް ހުށަހަޅާފައިވާނެ ކަމުގައި ޕުޓިން ވިދާޅުވިއެވެ. ނަމަވެސް، މަޝްވަރާގެ މޭޒަށް ދެކޮޅު ހަދަމުން ދަނީ ޔޫކްރެއިނުގެ ސަރުކާރާއި ހުޅަނގުން ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، މަޝްވަރާތައް ހުރަސްއެޅުމުގެ ފަހަތުގައި އޮތީ އެމެރިކާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރައްވައެވެ.

ރަޝިޔާއިން މި އަހަރުގެ ކުރީކޮޅު ފަށާފައިވާ ހަނގުރާމައަކީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިނގާ އެންމެ ނުރައްކާތެރި ހަނގުރާމައެވެ. އަދި، 1962 ވަނަ އަހަރު ހުޅަނގާއި ރަޝިޔާއާ ދެމެދު ކިޔުބާގެ މައްސަލައިގައި ހިނގި ދެބަސްވުންތަކަށް ފަހު، ނުތަނަވަސްކަން މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ފެންނާކަށް ނެތެވެ.

ސުލްޙައިގެ މަޝްވަރާތަކަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައި ޕުޓިން ވިދާޅުވި ނަމަވެސް، މި ހަނގުރާމައިގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބު ނުކުރެވެނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމުގައި ރަޝިޔާއިން ވަނީ ބުނެފައެވެ. ރަޝިޔާ ސިފައިންގެ ލަނޑުދަނޑިތަކުގެ ތެރޭގައި ޔޫކްރެއިނުގެ ސަރުކާރު ވައްޓައިލުން ވެސް ހިމެނެއެވެ.

"މި ހަނގުރާމައާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރަން ރަޝިޔާ އޮތީ ތައްޔާރަށް. މަޝްވަރާތަކަށް ދެކޮޅު ހަދަމުން ދަނީ ރަޝިޔާއަކުން ނޫން. އެ ކަމަށް ހުރަސް އަޅަމުން ދަނީ ކީވްގެ ސަރުކާރާއި ހުޅަނގުން،" ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިނުން ވެސް ބުނަމުން ދަނީ، ހަނގުރާމައަށް ނިމުމެއް އަންނާނީ އެ ޤައުމަށް އަރައިތިބި ރަޝިޔާގެ އިސްތިއުމާރީ ސިފައިން އެ ޤައުމުން ބޭލުމަށް ފަހު ކަމުގައެވެ. މީގެ ތެރޭގައި ރަޝިޔާއިން 2014 ވަނަ އަހަރު އަތްގަދަކޮށްފައިވާ ކްރައިމިޔާ ސަރަޙައްދު ވެސް ހިމެނޭ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، ރަޝިޔާގެ ރައީސް ކަމުގެ މަޤާމުގައި ޕުޓިން ހުންނެވިހާ ދުވަހަކު، މަޝްވަރާކުރަން ބޭނުން ނުވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

މި ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)ގެ ޑިރެކްޓަރ ވިލިޔަމް ބަރންސް ވިދާޅުވީ، ޢާންމު ގޮތެއްގައި ހަނގުރާމަތައް ހުއްޓެނީ ސުލްޙައިގެ މަޝްވަރާތަކުގެ އެހީގައި ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ އަމަލުތަކަށް ބަލާއިރު، އެ ޤައުމުން ސުލްޙަވާން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

"މި ހަނގުރާމަ ފެށީ ރަޝިޔާއިން. ޔޫކްރެއިނަށް ސިފައިން ފޮނުވީ ރަޝިޔާއިން. މި ޤައުމަށް ފުރަތަމަ އެރީ ރަޝިޔާ ސިފައިން. އަރައި ހަނގުރާމަކޮށް ޢާންމުން ގަތުލުކުރަން ފެށީ. އެހެންވީމާ، ރަޝިޔާއިން ސުލްޙަވާން ބޭނުމޭ ބުނި ނަމަވެސް، އެ ބަހުގެ އެއްވެސް ބުރަދަނެއް ނެތް. އެ އުޅެނީ ޒިންމާއިން ރެކެން،" ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައި މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ދަށުން ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ހަތަރު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް، ދެކުނުގައިވާ ޚާރްސަންގައި ތިބި ރަޝިޔާ ސިފައިން ވަނީ ފަހަތަށް ޖައްސާފައެވެ. މިހާރު ރަޝިޔާޣެ ބާރުގެ ދަށުގައި އޮތީ ޚާރްސަންއާ އިންވެގެން އޮންނަ ޒަޕޮރީޜިޔާއާއި އިރުމަތީގައިވާ ޑޮނެޓްސްކްގެ އިތުރުން ލުހާންސްކެވެ. އިރުމަތީގައި ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޚާރްސަންއިން ރަޝިޔާ ސިފައިންނަށް ފައިބަން ޖެހުމުން، ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން މައި އެހެން ރަށްތަކަށް ރަޝިޔާއިން ވަނީ ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށާފައެވެ. އަދި، އީރާނުން ފޯރުކޮށްދީފައިވާ ޑްރޯން ބޭނުން ކޮށްގެން ވެސް ދަނީ ހަމަލާތައް ދެމުންނެވެ.