ޚަބަރު

ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި


ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާގުޅިގެން 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޟީ ވިދާޅުވީ، މިކުށުގެ އަދަބަކީ 1 ލައްކަ ރުފިޔާއާއި، 1 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ ޢަމަލު ހިންގުމަށް ބޭނުންކުރި ފައިސާ ޢަދަދުގެ ލޯންޑަރކުރި ފައިސާގެ ޢަދަދުގެ 5 ގުނައަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަކަށް ޖަލަށްލުންކަމަށެވެ.

އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިވާ ގޮތަށާއި، އަމަލުކުރިއިރު ދައުވާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހެއްކަން އެނގެން އޮތުމުން އެންމެހާ ކަންކަމަށް ބަލާ ދައުވާ ލިބޭ ރައީސް ޔާމީނުގެ މައްޗަށް މި މައްސަލައިގައި ކަނޑައެޅޭ އަދަބަކީ 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުންކަމަށް ގާޟީ ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ސާބިތުވި އަނެއް ދައުވާއަކީ ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވުމާގުޅިގެން 4 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޟީ ވިދާޅުވީ، މި ކުށަކީ ޖިނާއަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމާއި، މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބެއްގެ ގޮތުގައި ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވަނީ 3 އަހަރާއި، 2 މަހާއި، 12 ދުވަހުގެ ޖަލު ހުކުމެއްކަމަށެވެ. އަދި އަދަބު މަތިވާ ޙާލަތެއްއޮތްތޯ ބެލިއިރު ރައީސް ޔާމީން މި ޢަމަލު ހިންގާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެކަން އެނގެން އޮތުމުންނާއި، މި ކުށް ކޮށްފައިވަނީ ފައިދާ ހޯދުމުގެ ބޭނުމުގައިކަމާއި، މި ކުށްކުރުމުގެ ސަބަބުން ރައްޔިތުންގެ މަސްލަޙަތު ވަރަށް ބޮޑަށް ގެއްލިފައިވާކަން އެނގެން އޮތުމުން އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑަށް އެއް ދަރަޖަ މަތިކުރަން ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށެވެ.

އެހެންކަމުން ރައީސް ޔާމީނުގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް ދަރަޖަ މަތިކުރެވިފައިވާކަމަށާއި، އަދަބު ދަށްކުރެވޭނެ ފަދަ ޙާލަތެއް ޝަރީޢަތަށް ފާހަގަކުރެވިފައިނުވާކަމަށްވެސް ގާޟީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ދަޢުވާ ސާބިތުވުމާ ގުޅިގެން 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމް އިއްވަވަމުން ގާޟީ ވިދާޅުވީ، މި ކުށަކީ ޖިނާޢަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމާއި، މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބެއްގެ ގޮތުގައި ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވަނީ 3 އަހަރާއި، 2 މަހާއި، 12 ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި މި މައްސަލައިގައި އަދަބު ދަށްކުރެވޭނެ ހާލަތެއްވެސް އަދި އަދަބު މަތިކުރެވޭނެ ފަދަ ޙާލަތެއްވެސް ޝަރީޢަތަށް ފާހަގަކުރެވިފައިނުވާ ކަމަށް ގާޟީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ކަނޑައެޅޭ އަދަބު ޖަލު އަދަބު ނޫން އަދަބަކަށް ބަދަލުކޮށްދޭން ނައީމު އެދިފައިވީނަމަވެސް، މި މައްސަލައިގައި ކުށްކޮށްފައިވާގޮތަށާއި، މި ކުށްކޮށްފައިވަނީ ދުރާލާ ރާވައިގެން ކަމާއި، ކަމެއް ޙާޞިލުކުރުމަށް ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިކޮށްގެންކަމަށްވާތީ މި މައްސަލައިގައި ކަނޑައެޅޭ އަދަބަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށްވެސް ގާޟީ ވިދާޅުވިއެވެ.

ހުކުމުގެ ޚުލާސާއިން ފާހަގަވި ކަންކަމުގެ ތެރޭގައި ޔާމީނަށް ލިބިވަޑައިގަތީ އާރަށުގެ ރިޝްވަތުގެ ފައިސާކަމާއި، ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް ފައިސާ ދިނުމަކީ އިއްތިފާގެއް ނޫންކަމާއި، ޔާމީން އެ ފައިސާ އިންވެސްޓްކުރީ އެއީ ރިޝްވަތުގެ ފައިސާކަން އެނގިހުރެކަމާއި، މުސާރައާ ނުބައްދަލު އާމްދަނީއެއް ލިބުމުން ސުވާލު އުފެދޭކަމަށާއި އަދި އެއީ ޔާމީނަށް ލިބިވަޑައިގަތް ހުއްދަ ނޫން މަންފާއެއްކަން ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭކަމަށާއި ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް އެވަރުގެ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށްވެސް ހުކުމުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާއެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.

މީގެއިތުރުން އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައިވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރުވެސް އެނގޭކަމަށް ހުކުމްގައިވެއެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާއިރު ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭ ކަމަށް ގާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.