ޚަބަރު

ބިން ހިއްކުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް


އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އެ ސިޓީއަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ.

ހިތަދޫ ބަނދަރު އޮޕަރޭޓްކުރާ ހިތަދޫ ޕޯޓް ލިމިޓެޑްއިން ބުނީ މިއަދު ބަނދަރުކުރި "އެޗް ސީ މެލީނާ" ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އައްޑޫ ސިޓީ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާކަމަށެވެ. މި ބޯޓުން ގެނައި ސާމާނުތަކުގެ ތެރޭގައި މެޝިނަރީޒްއާއި ބައެއް އިކުއިޕްމަންޓްތައް ހިިމެނޭކަމަށްވެސް ހިތަދޫ ރީޖަނަލް ޕޯޓުން ބުނެއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑް ޑްރެޖިން އާ ހަވާލުކުރީ މިއަހަރުގެ ކުރީ ކޮޅުއެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކާ، މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

18 މަސް ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރި ވެން އޫޑްކުންފުންޏަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. އަދި ބިންހިއްކާ ނިމުމުގެ މަސައްކަތް ނިމެއިރު އައްޑޫ ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ.

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނުވައިދޭނެ މައްސަލައެއްކަމަށް އައްޑޫސިޓީ ކައުންސިލުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއް ބައެވެ.

މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.