ޚަބަރު

ހަ ކިލޯ މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފި


މާލެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށް 9 ލައްކަ ރުފިޔާ އަތުލައިގެންފިއެވެ.

މާލެއިން މަސްތުވާތަކެތި އަތުލައިގަތީ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެކަން ހަމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަނުން 6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު 17 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި އޮޕަރޭޝަނުގައި 933،430 ދިވެހި ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އަތުލައި ގަނެވުނު ތަކެތި ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. 22 ވަނަ ދުވަހުގެ އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގެންފައިވާއިރު ހަމަ އެ ދުވަހު ހަވީރު ހިންގި އޮޕަރޭޝަނެއްގައި ހ. ސޯސަން މީޑު ގެއިން ވެސް މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.